ރާއްޖޭގައި ހަދާ އެންމެ އުސް ޓަވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ނިންމައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓޫރިޒަމް އައިލެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި ހަދަނީ 150 މީޓަރުގެ އުސް ޓަވަރެއް ކަމަށްވެ އެވެ.
މިޓަވަރު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ އުސް އިމާރާތަށެވެ. މިހާރު ރާއްޖޭގައި މިހާރު ހުރި އެންމެ އުސްއިމާރާތްކަމުގައިވާ ދަރުމަވަންތަ ހޮސްޕިޓަލަށްވުރެ ދެގުނަ އުސް މި އިމާރާތް ވެގެންވާނީ، ސިޓީއެއްގެ ތަޖުރިބާ ރަށްތަކުން ލިބޭނެ ތަނެއްކަމަށާއި، ދިވެހިންނާއި ޓޫރިސްޓުގެ ޝައުގުވެރިވާނެ ފަދަ ތަފާތު ތަނަކަށް ވާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ. އަދި މިޓަވަރަށް ޒިޔާރަތްކުރާ މީހުންނަށް ވަށައިގެންވާ މާހައުލުގެ ރީތިކަން ބަލައިލެވޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީއިން މިއަދު ނެރުނު މޯލްޑިވްސް ޓޫރިޒަމް ބުލެޓިންގެ މިއަހަރުގެ ދެވަނަ އަދަދުގައިވާ އެޗްޑީސީގެ ލިޔުމެއްގައި ވަނީ ޓޫރިޒަމްގެ ސިނާއަތުގައި ވަކި އެއްކަމަކަށް ބަރޯސާ ނުވުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ތަރައްގީކުރާ ޓޫރިޒަމް އައިލެންޑަކީ، ތަފާތު އެކި ވައްތަރުގެ ޓޫރިސްޓް ހޮޓާތަކެއް އެއްތަނަކުން ތަޖުރިބާކުރެވޭނެ ތަނަކަށްވާނެ ކަމަށެވެ.
މިގޮތުން ލަގްޒަރީ ވިލާއާއި، އެޕާޓްމެންޓާއި، އުސް އަދި މެދުފަންތީގެ ހޮޓަލާއި ގެސްޓްހައުސް އެ ޓޫރިޒަމް އައިލެންޑްގައި ހުންނާނެ ކަމަށް ބުނެފައިވެ އެވެ. އަދި މައްޝޫރު އެކި ބްރޭންޑްތަކުގެ ރީޓެއިލް އައުޓްލެޓްތައް ވެސް ޓޫރިޒަމް އައިލެންޑަށް ގެންނާނެ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ.
"ވަން އައިލެންޑް، ވަން ހޮޓެލް" ކޮންސެޕްޓްގެ ދަށުން ތަރައްގީކުރާ ޓޫރިޒަމް އައިލެންޑަކީ ތަފާތު ޕްރޮޖެކްޓަކަށްވާނެ ކަމަށް އެޗްޑީސީިން ބުނެފައިވެ އެވެ. ޓޫރިޒަމް އައިލެންޑާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެއާއި ގުޅާލެވިފައިވުމުން، ޓޫރިޒަމް ދާއިރާއަށް އިންވެސްޓުކުރަން ބޭނުން އެންމެނަށް ރަނގަޅު ފުރަސަތަކަށް ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ މީހުން ދިރިއިރުޅޭ ސަރަހައްދާ ޓޫރިޒަމް އައިލެންޑް ގުޅިފައިވުމަކީ، ޓޫރިޒަމް ދާއިރާއިން ވަޒީފާ ހޯދަން ބޭނުންވާ މީހުންނަށް ހުޅުވިގެންދާ ދޮރެއް ކަމަށެވެ. މިގޮތުން އަމިއްލަ ދިރިއުޅުމާ ދުރަށް ނުގޮސް، އާއިލާއާއެކު މާލޭގައި ދިރިއުޅެމުން ޓޫރިޒަމް ދާއިރާއިން އުހަށް ދިއުމުގެ ފުރުސަތު މިޕްރޮޖެކްޓާއެކު ފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޓޫރިޒަމް އައިލެންޑާއެކު ޓްރާންސިޓް ޓޫރިޒަމާއި، ކްރޫޒް ޓޫރިޒަމް އަދި އެމްއައިސީއީ ޓޫރިޒަމް ރާއްޖޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އެޗްޑީސީން ދެކެ އެވެ.
އެ ކުންފުނިން ބުނީ ޓޫރިސްޓް އައިލެންޑާއެކު މާލެ ސަރަހައްދުގެ ރަށްތަކަށް ވިޔަފާރީގެ އިތުރު ދޮރުތަކެއް ހުޅުވި އިގްތިސާދީގޮތުން ނުހަނު ފައިދާވާނެ ކަމަށެވެ. އަދި ހުޅުމާލެއެކޭ އެއްފަދައިން ޓޫރިޒަމް އައިލެންޑްގައި ވެސް ފެހި ހުސް ސަރަހައްދުތަކާއި ދަތުރުކުރުމުގެ ނިޒާމަކާއި ޓެކްނޮލޮޖީއާ ރަށްޓެހި ކަރަންޓު ބޭނުންކުރާ ދުއްވާ އެއްޗެހި ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ޓޫރިސްޓް އައިލެންޑަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.