މާލެ ސަރަހައްދުގައި އުޅޭ 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން މިއަދު ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް މިއީ ޕެންޑަމިކްގެ ދަނޑިވަޅުކަމުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ. އެގޮތުން ވެކްސިން ޖެހުމަށް ނަންނޯޓްކުރުމަށް ހުޅުވާލި ޕޯޓްގައި ނަންނޯޓު ކުރެއްވި ފަރާތްތަކަށް ގުޅަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޯޓަލުން އަޅުގަނޑުމެން އަންގަމުން ދާނެ އަންނަންވީ ތަނާއި އަންނަވީ ގަޑިވެސް. އެހެންވީމާ މީގައި ރަޖިސްޓްރީ ކުރުމުގެ ބައި އަޅުގަނޑަށް ހީވަނީ ވަރަށް މުހިއްމުހެން. ރޖިސްޓްރީކުރަން މި ޖެހޭނީ އެ ބޭފުޅުންގެ މައުލޫމާތު އަޅުގަނޑުމެނަށް އެގެންޖެހޭތީ،" ޑރ. ފައިސަލް ވިދާޅުވި އެވެ. "މި ވެކްސިނަކީ އަޅުގަނޑުމެން ކިއު ހަދައިގެން ޖެހޭނެ ވެކްސިނެއް ނޫން. މި ވަކި ގަޑިއަކަށް މީހުންގެ ގެނެސް މީހުން ގިނަނުކޮށް ޖަހަންޖެހޭ ވެކްސިނެއް."
މާލެ ސަރަހައްދުގައި އުޅޭ 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން މިއަދު ފަށާއިރު އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި ޖުމްލަ 666 ވެކްސިން ދީފައިވާއިރު، އިއްޔެ ވަނީ ޖުމްލަ 554 މީހަކަށް ވެކްސިން ދީފަ އެވެ. ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ލިބިފައިވާއިރު އެޑޯޒުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ. އަދި ޗައިނާގެ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެ ލިބިފައިވާއިރު ކޮވިޝީލްޑް ވެކްސިންގެ އިތުރު 700،000 ޑޯޒް ހޯދުމަށް އެސްޓްރަޒެނެކާއާ އެކު ވަނީ އެއްބަސް ވެފަ އެވެ.
ޗައިނާގެ ސައިނޮފާމް އިން ކޮވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންދުވާލެއްގެ މައްޗަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ ނޫން ކުރީ ދުވަހު 215 ހުރި ނަމަވެސް އިއްޔެ ހުރީ 99 ގަ އެވެ. ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ އަދަދު 1،833އަށް އިތުރުވިއިރު، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 16،155 އަށް އަރާފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިވަގުތު 186 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގެ އަދުގެ ހާލަތު ވަޒަންކޮށްލާއިރު، މިހާރުގެ ހާލަތު ރައްކާތެރިއެއް ނޫންކަމަށް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވަނީ ވިދާޅުވެފަ އެވެ.
"މިހާރު ބައެއް ގައުމުތަކުން ސޭފް ކަންޓްރީއެއްތޯ، ރިކްސް ހައި ކަންޓްރީއެއްތޯ ބަލަންޏާ ރާއްޖެ މިއޮތީ ހައި ރިސްކު ލެވެލްގައި. ނޯ ލޯންގާ ސޭފް،" ޑރ. ޝީނާ ވިދާޅުވި އެވެ.
ކޮވިޑްގެ އާވޭރިއެންޓެއް ރާއްޖެއިން ފެނި ބަލިފެތުރުން ފެތުރުން ހަލުވިވެފައިވާތީ، ކޮވިޑް ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަަވަޅުތައް ވެސް ވަނީ ވަރުގަދަކުރަން ނިންމައިފަ އެވެ.
ޑރ. ޝީނާ ވިދާޅުވީ މާލޭގައި މިހާރު ކޮވިޑްފެތުރުން އިތުރުވެފައިމި ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންނަށް ފުރިހަމައަށް ބޯނުލެނބާތީ ކަމަށެވެ. އަދި މިހާރު ރިޕޯޓުކުރާ ކޭސްތަކުގެ 30 އިންސައްތައަކީ ކޮވިޑްގެ އާވޭރިއެންޓްގެ ކޭސްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެޗްއީއޯސީން ހެދި ސްޓަޑީތަކުން ދައްކާގޮތުން މިހާރު އަޅުގަނޑުމެން ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ އާ ވޭރިއަންޓް، މިހާރު ގާތްގަނޑަކަށް 30 ޕަސެންޓު، ތިން ބައި ކުޅަ އެއްބައި މީހުންނަށް މި ވޭރިއަންޓްގެ ވައްތަރުންނޭ މި ކޮވިޑް ޖެހެނީ،" ޑރ. ޝީނާ ވިދާޅުވި އެވެ.
ރާއްޖޭއިން އާވޭރިއެންޓް ފެންނަން ފެއްޓީ ސީދާ ކޮންއިރަކުކަމެއް ބުނަން ނޭނގޭ ކަމަށް ޑރ. ޝީނާ ވިދާޅުވާއިރު، މިވޭރިއެންޓުން ބަލިފެތުރުން އަވަހެވެ. މިގޮތުން ކުރިން ބަލިޖެހިފަ ހުރި މީހެއްގެ ގައިން އިތުރު ދެ މީހަކަށް ބަލި ޖެހޭއިރު އާވޭރިއެންޓާއެކު މިއަދަދު ވަނީ ފަހަކަށް އިތުރުވެފަ އެވެ. އަދި މިވޭރިއެންޓުން ކޮވިޑް ޖެހޭ މީހުން ސީރިއަސްވާ މިންވަރު އިތުރުކަމަށާ، ކުރިން ބަލިޖެހޭ މީހުންގެ ތެރެއިން 45 އިންސައްތަ މީހުންގެ ގައިން އަލާމާތްތައް ފެންނައިރު، މިވޭރިއެންޓުން ކޮވިޑްޖެހޭ މީހުންގެ 55 އިންސައްތަ މީހުންގެ ގައިން ބަލީގެ އަލާމާތްތައް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިވޭރިއެންޓުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުވެސް މިހާރު ވަނީ މައްޗަށް ގޮސްފަ އެވެ.
ޑރ. ޝީނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓުމަހު ދުވާލެއްގެ މައްޗަށް 12 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދިންއިރު، މިހާރު މިއަދަދު ވަނީ 22 އަށް މައްޗަށް ގޮސްފަ އެވެ.
މީގެ އިތުރުން ޑޮކްޓަރު ވަނީ، މިހާރު ރައްޔިތުންގެ ކޮމްޕްލައިންސް ލެވެލް ދަށްކަން ފާހަގަ ކުރައްވާފަ އެވެ. މިގޮތުން ކޮމްޕްލައިން ލެވެލް މިހާރުހުރީ 50 އިންސައްތާގައި ކަމަށާ މިލެވެލް 75 އިންސައްތަ މަތިކޮށްފި ނަމަވެސް ކޭސްތައް ދަށްކުރަން ފަސޭހަވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.