އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ޝަރުތުކޮށް ފީފާއިން އެފްއޭއެމްއަށް ތިން ލައްކަ ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

އެފްއޭއެމްގެ އާ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، ވިދާޅުވީ ފީފާ ޕޭމަންޓް ދެނީ ތިން މަރުހަލާއަށް ބަހާލާއިގެން ތިން ލައްކަ ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ދޭ އެއް ލައްކަ ޑޮލަރު މިހާރު ޖަމާވެފައިވާ ކަމަށް ޖައުޝަން ވިދާޅުވި އެވެ. އެ ފައިސާ ޖަމާވުމާއެކު މިހާރު މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދޭން، މިހާރު ބެންކަށް ފޮނުވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން ޖައުޝަން ވިދާޅުވީ ފީފާއިން ދޭ ތިން ލައްކަ ޑޮލަރު މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި އެހެން ކަމަކަށް ބޭނުން ނުކުރަން ފީފާއިން ޝަރުތުކޮށްފައިވާ ކަމަށެވެ. ފުރަތަމަ ދިން އެއް ލައްކަ ޑޮލަރުން މުވައްޒަފުންނަށް މުސާރަ ދިން ކަން ކަށަވަރު ކުރުމުގެ ގޮތުން އެ ޑޮކިޔުމެންޓްތައް ފީފާއަށް ހުށަހެޅުމުން ނޫނީ ދެވަނަ ޕޭމަންޓް ޖަމާނުކުރާނެ ކަމަށް ވެސް ޖައުޝަން ވިދާޅުވި އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވި އެފްއޭއެމް އާއި ފުޓްބޯޅަ ދަށް ހާލަތަކަށް ވެއްޓި ބޮޑު ޕްރެޝަރެއް ކުރިމަތި ވެފައި ވަނިކޮށް އޮކްޓޯބަރު މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލު ކުރައްވައިފަ އެވެ.

އެފްއޭއެމްއަށް ބޭރުގެ އެކިއެކި އިދާރާތަކުންނާއި ސްޕޮންސަރުންގެ އަތުން ލިބޭ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާއަށް އެތަނުގެ އިސްވެރިން ހިޔާނާތްތެރިވެ މުވައްޒަފުންނަށް ގަވައިދުން މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފަ އެވެ. އެފްއޭއެމްއަށް ފައިސާގެ އެތައް މައްސަލަތަކެއް ކުރިމަތިވެ ފުޓްބޯޅަ ލީގު ވެސް ނުހިނގަ އެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހުއްޓުވާފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވަނީ ބައްސާމަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އެފްއޭއެމްގެ މައްސަލައެއްގެ ތަހުގީގު ފަށައި، މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެފްއޭއެމް ހައުސް އަށް ވަދެ، ތަހުގީގަށް ބޭނުންވާ ތަކެތި ވަނީ ހޯދައިފަ އެވެ.