މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ހަރަދު ތިންގުނަ އިތުރުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް އެގޮތަށް ވިދާޅުވީ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެ ޕޯސްޓްގައި ޝަހީމް ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށެވެ. އެގޮތުން އެކަމަށް މިހާރު 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ޝަހީމު ވިދާޅުވި އެވެ.

މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ހަރަދު ތިންގުނަ އަށް އިތުރުކުރުމަކީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.

މީގެއިތުރުން މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމާއި އިސްލާމްދީނާއި ގައުމިއްޔަތާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަން ދޭ މިންވަރު އިތުރުކުރުމަށް، ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ޚާއްސަ ޕްރޮގްރާމުތަކެއް ހިންގަން ފެށުމަކީ ވެސް 100 ދުވަސްތެރޭ ފެށުމަށް ރާވާފައިވާ ކަމެކެވެ.