ކުޑަކުދިންނަށް ދޭ ބޭހެއްގައި ނުރައްކާތެރި ދެ ކެމިކަލް ހުރިކަން ދެނެގަތުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ތައުރީފްކޮށްފި އެވެ.

ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްގައި އުފައްދާ ސިރަޕްތަކުން "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ހުރިކަން އެންމެ ފުރަތަމަ ފާހަގަ ވެފައި ވަނީ އެމްއެފްޑީއޭއަށެވެ. މި ދެ ކެމިކަލްގެ ކިތަންމެ ކުޑަ މިންވަރަކީ ވެސް ކުޑަކުދިންގެ ފުރާނައަށް ނުރައްކާވާ ދެ ބާވަތެވެ. މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯގެ އިން ބުނެފައިވަނީ މި ދެ ކެމިކަލް ދެނެގަތުމަށް އެމްއެފްޑީއޭއިން ކޮށްފައިވާ މަސައްކަތަކީ ސިއްހަތު ހިމާޔަތް ކުރުމުގައި މުޅި ދުނިޔެއަށް ދެއްކި ނަމޫނާއެއް ކަމަށެވެ.

މީގެއިތުރުން ހޮޑު މަނާކުރަން އުފައްދާ އެމިޑޮން ސަސްޕެންޝަން ކިޔާ ބޭހުގައި ވެސް އޭގެ ކެމިކަލް ހުރިކަން އެމްއެފްޑީއޭއަށް ދެނެގަނެވުމުން، ޑަބްލިއުއެޗްއޯ އަދި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ އެކަން ޔަގީންކުރަން ޓެސްޓު ހަދައިފަ އެވެ.

ޑަބްލިއުއެޗްއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޖަމުއިއްޔާއިން ދާދިފަހުން އެކުލަވާލި ޓެސްޓު ކުރުމުގެ އާ އުސޫލުގެ ދަށުން ތަޣައްޔަރުވެފައިވާ މާއްދާ ދެނެގަތް ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ. މި ބޭހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުންދާ ބޭހަކަށް ވުމާއެކު ރާއްޖެއިން މިކަން ދެނެގަތުމަކީ ދުނިޔޭގެ ފެންވަރުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. ނަޒްނީން އަންވަރު ވިދާޅުވީ އެމްއެފްޑީއޭގެ އެ މަސައްކަތަކީ ދުނިޔޭގެ ސިއްހީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކާމިޔާބީގެ ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި ސިއްހީ ކަންކަން ބަލަހައްޓާ އިދާރާތަކުން މަސައްކަތުގައި ދެމިތިބެ، އެ ގައުމެއްގައި ދަށް ފެންވަރުގެ އުފެއްދުންތައް ބޭނުންކުރާ ނަމަ، އެކަން އަވަހަށް އެންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވިހަ ކެމިކަލްތަކެއް ބޭނުންކޮށްގެން ބޭސް އުފެއްދި ޕާކިސްތާން ކުންފުނީގެ ހުރިހާ އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން އިއްޔެ އިން ފެށިގެން ވަނީ ދާއިމީކޮށް މަނާކޮށްފަ އެވެ.

އެމްއެފްޑީއޭއިން ބުނެފައިވަނީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ޔަޤީންކަން ކަށަވަރު ކުރުމަށްޓަކައި އެ އިދާރާއިން މިހާރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މީގެފަހުން ބޭސް އެތެރެކުރެވޭނީ ލެބޯރެޓަރީ ޓެސްޓު ރިޕޯޓެއް ހުށައެޅުމުންކަމަށް އެމްއެފްޑީއޭގައި އިން ވަނީ ބުނެފަ އެވެ.