އަންނަ މަހު ބާއްވާ އިންތިހާބުގައި އެފްއޭއެމްގެ ރައީސް ކަމަށް ވާދަ ނުކުރައްވާނެ ކަމަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނިންމަވައިފި އެވެ.
ބައްސާމް ވިދާޅުވީ ދިވެހި ފުޓްބޯޅަ އައު ޒައާމަތެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކޭ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދިނުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"ކުރިއަށް މިއޮތް އެފްއޭއެމްގެ އިންތިހާބުގައި އަޅުގަނޑު ވާދަނުކުރާނެކަން އިއުލާނު ކުރަން،" ބައްސާމް ވިދާޅުވި އެވެ.
އަދި އެފްއޭއެމްގައި ހޭދަކުރެވުނު ދުވަސްތަކުގައި ފުޓްބޯޅައަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ބައްސާމް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަކީ އުންމީދެއް ކަމަށާއި އެކަން ހާސިލުކުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.
އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:00އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
މި އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު އެފްއޭއެމް ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އިސްތިއުފާދީފަ އެވެ.
ފީފާ އާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، ރާއްޖޭގެ ފުޓްބޯޅަ އަށް ހަރަދުކުރަން ފޮނުވާ ފައިސާ އެފްއޭއެމްގެ ރައީސް ބައްސާމް އާއި އެ އެސޯސިއޭޝަންގެ އެކި ވެރިން ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަމުރަށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި އެމައްސަލާގައި ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވަނީ ބައްސާމަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.