ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނިމާލް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އިންތިހާބުވެ ކ. އަތޮޅަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ނުހަނު ފަހުރަކާއި އުފަލެއް ކަމަށް ސިޓީގައިވެ އެވެ.

އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމުގައި ހޭދަކުރަމުން ދިޔަ މުއްދަތުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ބެހެއްޓެވި ގާތްކަމާއި، ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކުރުމަށް މަސައްކަތުގައި ދެއްވި އެއްބާރުލުމަށްޓަކައި މުވައްޒަފުންނަށް ވެސް ނިމާލްގެ ސިޓީގައި ޝުކުރު އަދާ ކުރެއްވި އެވެ.

ނިމާލް ވިދާޅުވި ގޮތުގައި ކައުންސިލްގެ މެމްބަރުންނާ އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެކެވެ. އަދި ކައުންސިލްގައި ވޭތުވެދިޔަ ދުވަސްތަކަކީ ވަޒީފާގެ ހަޔާތުގައި ތަފާތު ތަޖުރިބާތަކެއް ހާސިލް ކުރެވުނު ދުވަސްތަކެއް ކަމުގައި ނިމާލް ފާހަގަ ކުރެއްވި އެވެ.

ނިމާލްގެ ސިޓީގައި ވަނީ ކ.އަތޮޅުގެ ރައްޔިތުންނަކީ ތަރައްގީއަށް ބޭނުންވާ ގިނަ ގުނަ ކާމިޔާބީތައް އެކިއެކި ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ވަރަށް ބަސްއަހާ ރައްޔިތުންތަކެއް ދިރިއުޅޭ އަތޮޅެއް ކަން ފާހަގަ ކުރައްވައިފަ އެވެ. އެހެންކަމުން ދިވެހީންގެ ރާއްޖެގެ ތަސައްވަރުގެ ތަރައްގީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގެ ދަށުގައި މުޅި މާލެ އަތޮޅަށް އަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ސިޓީގައިވެ އެވެ.

ނިމާލް ކ. އަތޮޅުގެ ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ މި ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަތުމަށް ކަން އެނގިފައިވެ އެވެ.