މާލެއިން 110 މީހުންނާއެކު މުޅި ރާއްޖެއިން 134 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައުދުން ޕޮޒިޓިވްވީ 110 މީހުންނެވެ. އަދި އަތޮޅުތެރެއިން ނުވަ މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 14 މީހަކު ޕޮޒިޓިވްވެފަ އެވެ. މީގެ ތެރޭގައި މިހާރު އޮޕަރޭޓްކުރާ ރިޒޯޓުތަކުން 13 މީހަކު އަދި މިހާރު އޮޕަރޭޓް ނުކުރާ ރިސޯޓަކުން އެކެކެވެ. ސިނާއީ މަސައްކަތްކުރާ ރަށަކުން ވެސް މިއަދު ވަނީ މީހަކު ޕޮޒިޓިވްވެފަ އެވެ.

މިރޭ ވަނީ ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެފަ އެވެ. އެއާއެކު، ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 54އަށް އަރާފަ އެވެ.

މިއަދުގެ 134 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 16،410 ޖުމްލަ މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 1،930 ގައި މިހާރު ހުރިއިރު 14،419 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހަފްތާގައި ރާއްޖޭގައި ކޮވިޑަށް ވެކްސިން ދޭން ފަށައި، މިއަދު ވަނީ 1،626 މީހަކަށް ވެކްސިން ދީފަ އެވެ. މިހާތަނަށް ރާއްޖޭގައި ޖުމްލަ 3،204 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 2،786 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ.

މިހާރު ރާއްޖޭގައި 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެމުންދާއިރު، މިއަދު ވަނީ މުދައްރިސުންނަށް ވެކްސިންދޭން ފަށާފަ އެވެ.