ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމު ބައްސާމް އާދިލް ޖަލީލަށް ގެއްލިއްޖެ އެވެ.

ބައްސާމަށް އެފްއޭއެމްގެ ރައީސް މަގާމު ގެއްލުނީ އެ އިދާރާ ހިންގާ ކޮމެޓީގެ ތިން މެމްބަރަކު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އެންމެފަހުން އިސްތިއުފާދީފައިވަނީ މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު އެވެ.

މީގެ ކުރިން ވަނީ އެފްއޭއެމްގެ ހިންގާ ކޮމެޓީން ދެ މެމްބަރަކު ވަނީ އިސްތިއުފާ ދީފަ އެވެ. އެއީ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮއްކީ) އާއި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) އެވެ.

ޖުމްލަ ނުވަ މެންބަރުން ހިމެނޭ އެފްއޭއެމްގެ އެކްސްކޯއިން ފަސް ބޭފުޅަކު އިސްތިއުފާ ދިނުމުން، އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިބީ ހަތަރު ބޭފުޅުންނެވެ. އެހެންވެ މިހާރު ގާނޫނީ އަދަދު ހަމަ ނުވާތީ ބައްސާމްގެ މަގާމު ވަނީ ގެއްލިފަ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމެޓީން މެމްބަރުންތައް އިސްތިއުފާ ދެއްވާފައިވާ އިރު، އަންނަ މަހު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަންވެސް އޮތީ އިއުލާންކޮށްފަ އެވެ. އެހެންނަމަވެސް، އެ އިންތިހާބުގެ ކަންކަން ސާފުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސްއިން މިހާރު ވަނީ އެފްއޭއެމްގައި އެދިފަ އެވެ.

އެފްއޭއެމްގެ ހިންގުމުގައި ބޮއްސުންލައި، އެ އިދާރާ ވަނީ ބަނގުރޫޓުވުމާ ކައިރިވެފަ އެވެ. އެގޮތުން އެ އިދާރާއަށް އެކި ގޮތްގޮތުން ލިބެމުން އަންނަ ފައިސާއަށް އެ އިދާރާގެ ވެރިން ޚިޔާނާތްތެރިވާކަމުގެ ތުހުމަތު ކޮށްފައިވެ އެވެ. އެ މައްސަލައިގެ މައިގަނޑު ސަސްޕެކްޓަކީ ބައްސާމް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ދައުވާކުރާ ހިސާބުގަ އެވެ.

އަންނަ މަހު 31 ވަނަ ދުވަހު ބާއްވާނެކަން އިއުލާނުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމް ވާދަނުކުރާނެކަން އިއުލާނުކޮށްފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާނެކަމަށް މިހާތަނަށް މީޑިއާގައި ހާމަކޮށްފައިވަނީ ކުރިންވެސް އެފްއޭއެމްގެ ރައީސް މަގާމު ފުރުއްވި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެކަންޏެވެ.