ސަރުކާރުގެ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައި ވަނީ 50 މިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑެކެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ސަރުކާރުގެ ޓްރެޒަރީ ބޮންޑެއް ލިސްޓުކުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ސަރުކާރުގެ ސެކިއުރިޓީއެއްގައި އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔުމުން ގިނަ ބަޔަކަށް މީގެ ނަފާ ލިބިގެން ދާނެ ކަމަށެވެ.
ކެޕިޓަލް މާކެޓު ޑިވެލޮޕްކުރުމުގައި ސްޓޮކް އެކްސްޗޭންޖާއި ގުޅިގެން ކުރިމަގުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްވަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ހަފްލާގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މާލީ ވުޒާރާއިން ވަނީ ހަނދާނީ ފިލާ ބަދަލުކޮށްފަ އެވެ.
މިނިސްޓްރީން ދޫކުރި ޓްރެޝަރީ ބޮންޑް ދޫކޮށްފައިވަނީ އަހަރަކު 5.5 ޕަސެންޓްގެ ކޫޕަން ރޭޓަކުންނެވެ. މި ބޮންޑުގެ މެޗުއިރިޓީ މުއްދަތަކަށް ޑިސެމްބަރު 2028 އަށް ކަނޑައަޅާފައިވާއިރު ބޮންޑަކަށް 1،000ރ. ގެ ރޭޓުން ޖުމްލަ 50،000 ބޮންޑް ވަނީ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ދިގު މުއްދަތުގެ ޓްރެޒަރީ ބޮންޑް ލިސްޓްކުރުމާއި ސެކަންޑަރީ މާކެޓުގައި ވިޔަފާރި ކުރުމަށް މަގުފަހިކުރުމަކީ ދިވެހި މާލީ ބާޒާރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ. އަދި އެތެރޭގެ މާކެޓް ތަރައްގީ ކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސެކިއުރިޓީޒް މާކެޓަށް ނެރުމަށް ރާވާފައިވާ ކަމަށް ވެސް ބުންޏެވެ.