އަންނަ އޭޕްރިލް ދިހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް އައުންސިލް އިންތިޚާބުގެ މަސައްކަތް ރާވާ ހިންގުމުގައި، އިންތިހާބުގެ މަސައްކަތް ނުހުއްޓޭނެ ގޮތަށް ބަދަލު މަސައްކަތްތެރިން ކަނޑައެޅިފައިވާ، "ބެކަޕް ޕްލޭން" އަކާއެކު މަސައްކަތްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.
އެ އެޖެންސީން ރޭ ނެރުނު "ކޮވިޑްގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީގޮތުގެ އުސޫލު"ގައި ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް އިންތިހާބު ކުރިއަށް ގެންދާނެގޮތް ވަރަށް ތަފުސީލްކޮށް ކަނޑައަޅާފައިވެ އެވެ.
މި އުސޫލުގައިވާ ގޮތުން، މާލެއާއި އަތޮޅުތެރޭގައި އިންތިޚާބުގެ މަސައްކަތްކުރުމަށް މީހުން ހޮވުމުގައި އެރަށެއްގައި ތިބެގެން މަސައްކަތްކުރެވޭނެ މީހުންނަށް އިސްކަންދޭން ވާނެ އެވެ. ނަމަވެސް، ކޮންމެހެން މާލެއިން ނުވަތަ ކޮމިއުނިޓީ ސްޕްރެޑް އޮތް އެހެން ރަށަކުން މީހުން ގެންގޮސްގެން އިންތިޚާބުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ ހާލަތުގައި ""ރާއްޖޭގައި ކޮވިޑް-19ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި (ޓްރެވެލް ރިލޭޓަޑް) ކަރަންޓީނު ކުރުމާއި، ކަރަންޓީނު ކުރުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު"އާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭއިން ނެރުނު އުސޫލުގައި ބުނެފައިވެ އެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ދަތުރުކުރާނަމަ އެޗްޕީއޭގެ ހާއްސަ ހުއްދަ ހޯދައި، ދަތުރުކުރަން ވާނީ ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އެންގުމަށްފަހުގަ އެވެ.
އެެޗްޕީއޭއިން ނެރެފައިވާ އުސޫލުގައިވާގޮތުން، ވޯޓުލާ މަރުކަޒުތަކުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅިފައި ހުންނަން ޖެހޭނެ އެވެ. މިގޮތުން ކިޔޫގައި ތިބޭވަގުތުގަ އާއި ވޯޓުލާ ތަނަށް ވަންނަ ވަގުތުގައި ވެސް ތިން ފޫޓުގެ ދުރުމިން ބެހެއްޓޭނެ ގޮތް ހަމަޖެހިފައި ހުރުން ލާޒިމެވެ. އަދި ހުރިހާ ވަގުތެއްގައި ވެސް މާސްކްއަޅައި، ސެނެޓައިޒްކުރެވޭގެ ގޮތް ހުންނަންވާނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެޗްޕީއޭއިން ނެރުނު އުސޫލުގައި އިންތިހާބުގައި މަސައްކަތްކުރާ މީހުން އަމަލުކުރަން ޖެހޭގޮތާއި، ވޯޓު ގުނުމުގައި އަމަލުކުރަންވީ ގޮތާއި، ވޯޓުލާ މަރުކަޒުގައި ހުންނަ ތަކެތީގެ ސާފުތާހިރުކަން ޔަގީން ކުރާނެގޮތް ވެސް ބުނެދީފައިވެ އެވެ. އަދި މީގެ އިތުރުން ވޯޓުލާ މަރުކަޒުގައި އުފެދޭ ކުނި ނައްތާލާނެ ގޮތް ވެސް އެއުސޫލުގައި ވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުން ކެމްޕެެއިންކުރުމަށް އޮންލައިން ޕްލެޓްފޯމްތައް އިޚްރިޔާރުކުރުމަށް އެޗްޕީއޭއިން ބާރުއަޅަ އެވެ. ނަމަވެސް ގޭގެއަށް ޒިޔާރަތްކުރާނަމަ ތިން ފޫޓުގެ ދުރުމިން ބެހެއްޓުމާއި މާސްއެޅުމަށް އޭޗްޕީއޭގެ އުސޫލުގައި ބުނެފައިވެ އެވެ. އަދި އަތްޖޯޑުކޮށް ސަލާންނުކުރުމަށް ވެސް މިއުސޫލުގައި ބުނެފައިވެ އެވެ.