ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް އެ ގައުމާއެކު ސަރުކާރުން ވި އެއްބަސްވުމުން ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ސަރުކާރުން އެކަމާ ދެކޮޅު ހެދިކަން ހާމަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް "ހުރިހާ"ގެ ފަރާތުން ޑިފެންސް މިނިސްޓްރީގައި އެދުމުންނެވެ.

ޑިފެންސް މިނިސްޓްރީން ދިން ޖަވާބުގައި ވަނީ އެއީ ކްލެސިފައިޑް މައުލޫމާތެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެފަދައިން ނިންމިޔަސް އެ މައުލޫމާތު "ޑީކްލެސިފައި" ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ ޖަވާބުގައިވެ އެވެ.

ބަހަނާއެއް ދައްކައި އެ އެއްބަސްވުން ހާމަކުރަން ސަރުކާރުން ދެކޮޅު ހެދިއިރު، ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އެއްބަސްވުންތައް ހާމަނުކޮށް، ސިއްރު ކުރާތީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މުއިއްޒުގެ ސަރުކާރެއްގައި އެ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާނު ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އެމަނިކުފާނަށް އަމާޒުވަމުންނެވެ.