އިންޓަނެޓްގެ ރައްކާތެރިކަމާއިގުޅޭ ގޮތުން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކޮމިއުނިކޭޝަން މިނިސްޓްރީން މިއަދު އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގައި މުޅިން އަލަށް ފެށި މި ފްރޮގްރާމް އިފްތިތާހުކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އިންޓަނެޓްގެ ރައްކާތެރިކަމާއިގުޅޭ ގޮތުން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

އެ މިނިސްޓްރީން ބުނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމުގެ އަމާޒަކީ އިންޓަނެޓް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާއިމެދު ކުދިން ހޭލުންތެރި ކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތް ކިޔަދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތް ކިޔައިދިނުން ކަމަށެވެ. އަދި މިމައުލޫމާތުގެ އަލީގައި ދިމާވެދާނެ ގޮންޖެހުންތަކާއިމެދު އެހެންކުދިން ހޭލުންތެރި ކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގުމެވެ. މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒު ކުރެވިގެން ކުރިއަށްދާ މިފުރަތަމަ ބުރުގައި 12 ދަރިވަރަކު ބައިވެރިވި ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުންޏެވެ.

އިންޓަނެޓްގެ ރައްކާތެރިކަމާއިގުޅޭ ގޮތުން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މިޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ޕްރައިވަސީއާއި ސެކިއުރިޓީ، ސައިބާ ބުލީން، މޯރަލް ކޮމްޕަސް، އަދި ޑިޖިޓަލް ފްރެންޑްޝިޕް ފަދަ ބައިތައް ހިމެނެ އެވެ.

އެމްސީއެސްޓީގެ އަމާޒަކީ މިނިސްޓްރީގެ ޕާރޓްނަޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުމެވެ.