އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވީ ސަރުކާރަށް ޖެއްސުންކުރާކަށް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާލޭގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ އާޒިމަކީ ލާމަރުކަޒީ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ބޭފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އިންތިހާބުކުރި މާލޭ ސިޓީ ކައުންސިލްތަކުން ފެނުނީ ވަކި ސަރުކާރެއް ހަދައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދިޔަ މަންޒަރު ކަމަށެވެ. ނަމަވެސް އާޒިމަކީ އެފަދައިން އަމަލުކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މޭޔަރަކަށް އާދަމް އާޒިމް ނިކުމެ އެ ހުންނެވީ ގާނޫނީ ގޮތުން ކައުންސިލަށް މަތިކޮށްފައިހުރި މަސައްކަތްތަކެއް ކުރަން. އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަދި ނޫނިއްޔާ މިހާރު މި އޮތް ސަރުކާރަށް ޖެއްސުން ކުރާކަށް ވެސް ނޫން،" ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރަށް ފާޑުވިދާޅުވަމުން ސޯލިހު ވިދާޅުވީ މިހާރު ކަން ހިނގަމުންދާގޮތަށް ބަލާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީން އަލުން ނުކުންނަންޖެހޭ ކަމަށެވެ.

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާނީ ޒިންމާދާރު ކަމާއެކު ކަމަށާއި އެކަން ނުކޮށްފިނަމަ ރާއްޖެ ބޮޑު އަނދަވަޅަކަށް ވެއްޓޭނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ 70 ނުވަތަ 80 ޕަސެންޓް މިހާރު ހުރީ ހުއްޓައިލައިފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީ ސަރުކާރުން އެޅި ފްލެޓާއި ދިން ގޯތިތައް ހަވާލުކުރުން ހުއްޓިފައިވާތީ އެމަނިކުފާނު ކަންބޮޑުވުންފާޅުކުރެއްވި އެވެ. އަދި ފްލެޓާއި ގޯތިތައް ހަވާލުކުރުން ލަސްވާ ލަސްވުމަށް ހައްލެއް ގެނެސްދެވޭނީ އާޒިމް މޭޔަރު ކަމަށް އިންތިހާބުކޮށްގެން ކަމަށް ސޯލިހު ވިދާޅުވި އެވެ.