ސ. ހިތަދޫގައި ކޮވިޑް ފެތުރިފައި ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދަޔާއެކު އެ ރަށަށް ދިޔަ ބައެއްގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު މިހާރު ހުރިގޮތަށް ބަލާއިރު ލަފާކުރެވެނީ ކޮމިއުނިޓީ ސްޕްރެޑެއް އުޅެނީ ކަމަށް އެ ސިޓީގެ މޭޔަރު ސޯދިގު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ހާލަތާބެހޭގޮތުން ވާހަކަ ދައްކަވަމުން ސޯދިގު ވިދާޅުވީ އައްޑޫގައި ކޮވިޑް ފެތުރިފައިވަނީ "ހާއްސަ ހުއްދައިގެ ދަށުން ދިޔަ ބައެއްގެ ފަރާތުން ކަމަށް ބޮޑަށް ބެލެވެނީ،" ކަމަށެވެ. ނަމަވެސް، މިކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން އަދިވެސް ކުރިއަށް ދާތީ ޔަގީންކޮށް އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ހިތަދޫގައި ހުންނަ އައްޑޫ އިކުަޓޯރިލް ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދިޔަ އިތުރު ދެ މީހަކު ވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެދެ މީހުންނާއެކު ހިތަދޫ ކްލަސްޓާއިން ޖުމްލަ ޕޮޒިޓީވްވި މީހުންގެ އަދަދު މިވަނީ 7 އަށް އަރާފަ އެވެ.
މިކްލަސްޓާގައި ހިމެނީ ސ. ހިތަދޫއިން ޕޮޒިޓިވްވި 5 މީހަކާއި، ސ. ފޭދޫއިން ޕްޒިޓިވްވި މީހެއްގެ އިތުރުން ގދ. ތިނަދޫއިން ޕޮޒިޓިވްވެފައިވާ މީހެކެވެ.
މިކްލަސްޓާއާ ގުޅިގެން މުޅި އައްޑޫ މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާއިރު ތިނަދޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ. އަދި މީގެ އިތުރުން އައްޑުއާ ވަކިން އޮންނަ ހުޅުމީދޫ ވެސް ވަނީ މޮނީޓަރިންގަ އެވެ. ހުޅުމީދޫއިން މިހާރުވަނީ ޖުމްލަ 25 މީހުން ކޮވިޑަށް ޕްޒިޓިވްވެފަ އެވެ.
އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއްއުޅޭ ކަމަށް ބެލެވި، މޮނީޓާރިންގެ ހާލަތުގަވާއިރު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުކުމެ ނޫޅުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކުރެ އެވެ.