މާލޭގައި ވެހިކަލް ދުއްވޭނެ ވަކި އަދަދެއް ކުރިއަށް އޮތް ހަ މަސް ދުވަހު ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލު ކުރައްވާ އާޒިމް މިއަދު ވިދާޅުވީ, ވެހިކަލް ލިމިޓެއް ކަނޑައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަން ކުރިޔަށް އޮތް ހަ މަހުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާ ވެސް ވާހަކަ ދެކެވިފައިވަނީ މިކަމުގައި އެކުގައި މަސައްކަތްތައް ކުރުމަށް. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމުގައި އެހީތެރިކަން ދެއްވޭނެ ކަމަށް. ޓްރާންސްޕޯޓް މިނިސްޓަރު އަމީންއާ ވެސް ފޯނުން ވާހަކަދެވުނު, އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ވެހިކަލްގެ އަދަދު ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީގެ މައްސަލަ ހައްލު ކުރުން ފަދަ ކަންކަމުގައި އެހީތެރިވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަރިހުގައި ވެސް އެދިފައިވާ ކަމަށެވެ. މިނިސްޓަރުގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ވެހިކަލް އިތުރުވަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ ހާއްސަ ކޮމިޓީއެއް މިދިޔަ ޑިސެންބަރު 27 ވަނަ ދުވަހު އެކުލަވާލާފަ އެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭރުގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ހާމަކުރައްވާފަ އެވެ.

އާޒިމް ވިދާޅުވީ މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތްތަކުގައި ހައުސިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައްޔިތުންނަށް ދަތިވާ ގޮތަށް މާލޭ މަގުތައް ފުރާ ވެހިކަލްތައް ހުރުން. އެއީ ފަސޭހަވާނެ ކަމެއް ނޫން. މި ކަމަށް އަޅުގަނޑުމެން އަވަސް ހައްލެއް، ދާއިމީ ހައްލެއް ގެންނަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖައްސާފައި ވާއިރު، އެ ތަންތަނުގެ މަސައްކަތްތައް އަވަސް ކުރަން މިނިސްޓްރީއާ މަޝްވަރާ ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.