އަންނަ ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު، ރޯދަ މަހު އިންތިހާބު ބޭއްވުމުން މަނާކުރަން އެމްޑީޕީން ގާނޫނަށް އިސްލާހު ހުށަހަޅަން އެމްޑީޕީން ނިންމައިފި އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މަޖިލީސް އިންތިހާބު ރަމަޟާން މަސް ތެރޭގައި ބޭއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގާނޫނޫގެ މާއްދާއެއްގައި ހިމެނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ އިސްލާހު ހުށަހަޅާނެ ގޮތަކާމެދު ބައެއް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް "ހުރިހާ"އާ ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"މަޝްވަރާތައް ނިމުނީމަ އިސްލާހު ހުށަހަޅާގޮތަށް އޮތީ. މިކަމާ ބެހޭ އިތުރު ތަފްސީލް މާދަމާ ރަސްމީކޮށް ހާމަކުރާނެ،" އެ މެމްބަރު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އެ ނިންމުން ބަދަލުކުރަން ސިޔާސީ ޕާޓީތަކުން އެދުމުން އެ ކޮމިޝަނުން ނިންމީ އިންތިހާބު ރޯދައިގެ ކުރިން ވެސް އަދި ފަހުން ވެސް ބޭއްވެން ނެތް ކަމަށެވެ.