ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ފުލުހުންނާ ގުޅިގެން ފިޔަވަޅު އަޅަން ފަށަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އާންމުންނަށް މިނިސްޓަރުންނާ ސުވާލު ކުރެވޭގޮތަށް މިރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ސައީދު ވިދާޅުވީ ގާނޫނީގޮތުން ބިދޭސީން ކުރުން މަނާކޮށްފައިވާ ވިޔަފާރިތައް ކުރާތީ އެފަދަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ބާވަތެއްގެ ކުދި ވިޔަފާރީގެ ތެރެއަށް ވަނުމުގެ ފުރުސަތު އެއްވެސް ބިދޭސީއަކަށް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ގާނޫނާ ހިލާފު އަމަލު ހިންގާ ބިދޭސީންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ސައީދު ދެއްވި އެވެ.

"އަޅުގަނޑު ޔަގީންކަން ދެން ހުއްދަ ނެތި ބިދޭސީންކުރާ ވިޔަފާރިތަކާ އެއްވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި ފުލުހުންނާ އެކު ކަންތައްތަކެއް މި ރޭވީ. އިރާދަކުރެއްވިއްޔާ ފުލުހުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާ ގުޅިގެން މި މަސައްކަތް އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ވަރަށް ކުރިއަށް ގެންދެވޭނެ،" ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން އެފަދަ ވިޔަފާރިތައް ހޯދަން ދިޔުމުން ވެސް ދިވެއްސެއްގެ ނަމުގައި ރަޖިޓްރީކޮށްގެން އެކަން ކުރާތީ އެފަދަ މީހުން ހޯދުމަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ތިބޭ އެފަދަ ވިޔަފާރިތައް ކުރާ ބިދޭސީން ހޯދުމަށް ލާމަރުކަޒީ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.