އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންގެ ތެރެއިން ޕްރިންސަސް ޑަޔާނާއަކީ އާއްމުންގެ ތެރޭގައި އެންމެ މަޤުބޫލު ޝަހްސިއްޔަތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ޑަޔާނާ އަވަހާރަވިތާ 26 އަހަރު ވިއިރު އެކަމަނާގެ ދަނބިދަރިކަނބަލުން ކޭޓްގެ ފަރާތުން ޑަޔާނާ އާ އެއްގޮތް ކަންތައްތަކެއް ފެންނަކަމީ ޑަޔާނާއަށް ތާއީދުކުރާ މީހުން އަބަދުވެސް ފާހަގަކުރާ ކަމެކެވެ. އެގޮތުން ޑަޔާނާ އާއި ކޭޓް މިޑްލްޓަންގެ ބައެއް އެއްގޮތް ކަންތައްތަކަށް މި ލިޔުމުގައި އަލިއަޅުވާލާ ނަމެވެ.
ހެދުން އެޅުން
ޕްރިންސަސް ޑަޔާނާ އާއި ކޭޓްގެ ހެދުން އެޅުމުގައި ހުންނަ އެއްގޮތް ކަމަކީ އެކި ފަހަރުމަތިން އާއްމުންގެ ލޮލުގައި އަޅައިގަނެފައިވާ ކަމެކެވެ.
ޝާހީ އާއިލާގެ ހާއްސަ މުނާސަބަތުތަކުގައި ކޭޓް ބޭނުންކުރައްވާ ހެދުންތަކުންނާއި ފެޝަން ސްޓައިލް އިން ޑަޔާނާގެ ހަނދާން އާވެ އެވެ.
ކޭޓް ވަނީ އޭނާގެ މައިދައިތަގެ ގަހަނާތައް ވެސް ހެދުން އެޅުމުގައި އެކިފަހަގު މަތިން ބޭނުން ކޮށްފަ އެވެ.
އިޖުތިމާއީ މަސައްކަތްތައް
ޕްރިންސަސް ޑަޔާނާ ފާހަގަކުރެވިފައިވަނީ އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ ބޭފުޅެއްގެ ގޮތުގަ އެވެ. ހަމައެގޮތަށް ކޭޓް މިޑްލްޓަންއަކީ ވެސް މިފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވަމުން އަންނަ ޝާހީ އާއިލާގެ މެމްބަރެކެވެ. މިކަމުގައި ކޭޓް ދަނީ މައިދައިތާފުޅު ޑަޔާނާގެ ނަމޫނާގައި ހިފަހައްޓަމުންނެވެ.
ޝާހީ އާއިލާގެ ކުރީގެ ދިރިއުޅުން
ޝާހީ އާއިލާއާ ގުޅުމުގެ ކުރީން ޕްރިންސަސް ޑަޔާނާ އާއި ކޭޓް މިޑްލްޓަން އަކީވެސް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ބޭފުޅުންނެވެ. އެހެނީ ކޭޓްއަކީ ޝާހީ އާއިލާ އާ ގުޅުނު އެންމެ ފުރަތަމަ އިނގިރޭސި ވިލާތުގެ އާއްމު ރައްޔިތެވެ.
ޕްރިންސް ޗާލްސް އާ ކައިވެނި ކުރެއްވުމުގެ ކުރިން ޕްރިންސަސް ޑަޔާނާ ވެސް ވަނީ އާދައިގެ ދިރިއުޅުމެއް އުޅުއްވާ ޓީޗަރެއްގެ ވަޒީފާ ވެސް އަދާކޮށްފަ އެވެ.
ޝާހީ އާއިލާ ދިރާސާކުރައްވާ މާހިރުން ވިދާޅުވާ ގޮތުގައި ޕްރިންސަސް ޑަޔާނާ އާއި ކޭޓް މިޑްލްޓަންގެ މިޒާޖުގައި ބައިވަރު އެއްގޮތް ކަންތައްތަކެއް ހުރެ އެވެ. އާއްމު ތަންތަނުގައި އުޅުމުގެ ވައްޓަފާޅި އާއި ހަށިގަނޑުގެ ހަރަކާތްތައް ދެބޭފުޅުންގެ ވެސް އެއްގޮތް ކަމަށް ބުނާއިރު ދަރިން ތަރުބިއްޔަތު ކުރުމުގައި ދެބޭފުޅުން ވެސް ގެންގުޅުއްވާ އުކުޅުތައް އެއްގޮތްކަން ފާހަގަ ކުރެވެ އެވެ.