އީރާނުން ކެމިކަލް ހަތިޔާރު އުފައްދަމުންދާ ކަމަށް ބުނެ އިޒްރޭލުން ދައްކަމުންދާ ވާހަކަތަކަކީ، އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވެއްދުމަށްޓަކައި ހަދަމުންދާ ދޮގުތަކެއް ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
އަރަގްޗީ މިހެން ވިދާޅުވީ އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް، އީރާނުން ކެމިކަލް ހަތިޔާރު އުފައްދަމުންދާ ކަމަށް ތުހުމަތުކޮށް ވާހަކަދެއްކުމާ ގުޅިގެންނެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ހިއްސާކުރެއްވި ބަޔާނެއްގައި އަރަގްޗީ ވިދާޅުވީ، ހަނގުރާމައަށް ފެންބޮވައިގެންފައިވާ އިޒްރޭލުން ލަދެއްނެތި އީރާނުގެ ބޭސް އުފައްދާ ކާރުހާނާތަކުގައި ނުރައްކާތެރި ހަތިޔާރު އުފައްދާ ކަމަށް ބުނެ ތުހުމަތު އަޅުވަމުންދާ ކަމަށެވެ. އަދި މީގެ މައިގަނޑު މަގްސަދަކީ އެމެރިކާއަށް އޮޅުވާލައިގެން، އިޒްރޭލުގެ ބަދަލުގައި އެމެރިކާ ލައްވާ އިތުރު ހަނގުރާމައެއް ކުރުވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ބުނެ އިޒްރޭލުން އަބަދުވެސް ތުހުމަތު ކުރަމުން ދިޔަ ނަމަވެސް، މި ފަހަކަށް އައިސް އެ ގައުމުން ވަނީ އީރާނުން ކެމިކަލް ހަތިޔާރު އުފައްދާ ކަމަށް ބުނެ ވާހަކަތައް ފަތުރަން ފަށާފަ އެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ކަޓްޒް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުން ކެމިކަލް ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އިޒްރޭލަށް ހަމަލާދިނުމުގެ ގާބިލުކަން އަދި އެ ގައުމަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ވިޔަ ނުދިނުމަށް އިޒްރޭލުން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް، އިޒްރޭލުގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި އިސް ބޭފުޅުން ވަނީ ސަރުކާރުގެ މި ވާހަކަތަކާމެދު ސުވާލު އުފައްދާފަ އެވެ. އެގޮތުން، އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލިބާމަން ވިދާޅުވީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޑިފެންސް މިނިސްޓަރު ކަޓްޒް ވެރިކަމުގެ ދަހިވެތިކަމުގައި މޮޔަވެފައިވާ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ވަގުތުން ވަގުތަށް ހަމަލާދޭން ޖެހޭ ފަދަ ޖާސޫސީ ނުވަތަ އަސްކަރީ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށްވެސް ލިބާމަން ހާމަކުރެއްވި އެވެ.
އީރާނުން ވަނީ އިޒްރޭލުގެ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ބޭކާރު ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ބޮޑު ގެއްލުމެއްވެ މަންޓާ އެއާގެ އޭޓީއާރު ދަތުރުތައް ހުއްޓާލައިފި
"މިސް ޔުނިވާސް 2026"އަކީ ޕުއޭޓޯ ރިކޯގެ ޖެނިފާ!
ދީޕިކާގެ ދިފާއުގައި ކަރަންއާއި އަކްޝޭ ވެސް ނުކުމެއްޖެ