ގދ. ތިނަދޫން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫން މިމަހު ތިންވަނަ ދުވަހު ތިނަދޫއަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އިއްޔެ ތިނަދޫ އަށް އަރާ ފޭބުން މަނާކޮށް، ކަރަންޓީނުގެ ހާލަތަށް ގެނެސް، ނެގި ރެންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވުމާއެކު މިހާރު ވަނީ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމުގެ ބިރު ހީވެފަ އެވެ.

އެ ރަށުން 400 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން ޕޮޒިޓިވްވީ އެއް ސާމްޕަލް ކަމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވި އެވެ.

އެޗްޕީއޭއިން ދަނީ މިހާރު އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. ތިނަދޫއިން މިހާރު ޕޮޒިޓިވްވެފައިވަނީ ޖުމްލަ ދެ މީހުންނެވެ.

ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސްނުކޮށް ހޮސްޕިޓަލާ ހިއްސާކުރުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

https://www.facebook.com/DR.ASMHThinadhoo/photos/a.394901111360239/847192632797749/

އައްޑޫގައި މިވަގުތު ދެ ކްލަސްޓާއެއް އޮތްއިރު، ތިނަދޫގެ ކޭސް ގުޅެނީ ސ. ހިތަދޫ ކްލަސްޓާއާ އެވެ.

ސ. ހުޅުދޫ މީދޫގައި ކޮވިޑްގެ ކްލަސްޓާއާއެކު މި ދެ ކްލަސްޓާ އެއްކޮށް މިހާރު 40 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އެޗްޕީއޭއިން އައްޑޫ ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.