"ހޯޕް" ނަން ދީފައިވާ ޔުނައިޓެޔްޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޕްރޯބްއެއް މާސްގެ އޯބިޓް ތެރެއަށް އިއްޔެ ވަދެއްޖެ އެވެ.

މިއީ އަރަބި ދުނިޔޭގެ ގައުމަކަށް ރަތް ޕްލެނެޓާ ހަމަޔަށް ދެވުނު ފުރަތަމަ ފަހަރެވެ.

"ޔޫއޭއީގެ ރައްޔިތުންނާއި އަރަބި އަދި މުސްލިމް މުސްލިމް ގައުމުތަަށް، އަޅުގަނޑުމެން ކާމިޔާބުކަމާއެކު މާސްގެ އޯބިޓް ތެރެއަށް ވަދެވިޖެކަން އިއުލާން ކުރަން. ﷲއަށް ހަމްދު ކުރަން،" މި މިޝަންގެ ޕްރޮޖެކްޓް މެނޭޖަރު އޮމްރާން ޝަރަފް ވިދާޅުވި އެވެ.

ދުބާއީގައި ހުންނަ ޔޫއޭއީގެ ސްޕޭސް ސެންޓަރުގެ މިޝަން ކޮންޓްރޯލަރުން ބުނާގޮތުގައި ހަތް މަސް ތެރޭ 480 މިލިއަން ކިލޯމީޓަރުގެ ދަތުރެއް ކުރުމަށްފަހު އަރަބިން އަމަލްއޭ ކިޔާ މިޕްރޯބް މިހާރު ވަނީ މާސްގެ ވަށާ ދަތުރުކުރަން ފަށާފަ އެވެ. މީހަކާ ނުލާ ދަތުރުކުރި މިޕްރޯބް މާސްގެ އޯބިޓާ ބެހޭ ގޮތުން މައުލޫމާތު އެއްކުރަމުން ދިއުމަށްވަނީ ހަމަޖެހިފަ އެވެ.

"މިޝަން އެކޮމްޕްލިޝްޑް" ނުވަތަ މިޝަން ކާމިޔާބުކަމުގައި ޔޫއޭއީގެ ބޮޑުވަޒީރު އަދި ނައިބު ރައީސް، އަދި ދުބާއީގެ ރަސްގެފާނު ޝައިޚު މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވިދާޅުވެ ވަނީ ޓުވީޓް ކުރައްވާފަ އެވެ. މި މިޝަންއަކީ ނާކާމިޔާބުވުމުގެ 50 އިންސައްތަ ޗާންސް އޮތް މިޝަންއެއް ކަމަށް އައްޝައިޚު މުހައްމަދު ހޯމަ ދުވަހު ވިދާޅުވި އެވެ.

"އެމިރާޓީ ފިރިހެން އަދި އަންހެން އިންޖިނިއަރުންގެ ފަސް މިލިއަން ގަޑިއިރުގެ މަސައްކަތުން މިއީ ތާރީހުގައި ވެސް އަރަބިންނަށް ކައުނުގައި ދެވުނު އެންމެ ދުރު ރާސްތާ. އަޅުގަނޑުމެންގެ މަގްސަދަކީ އަރަބީންނަކީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރެވޭނެ ބަޔެއްކަމުގެ އުންމީދު އަރަބިންނަށް ދިނުން،" އައްޝައިޚު މުހައްމަދު އިތުރަށް ވިދާޅުވި އެވެ.

އެކި ސަބަބުތަކާހުރެ މާސް އަށް ދަތުރުކުރުމުގެ 60 އިންސައްތަ މިޝަން ވަނީ ނާކާމިޔާބުވެފަ އެވެ.

މާސްގެ ތުނި އޯބިޓަށް ވަނުމުގައި އެތައް ދަތިތަކެއް ކުރިމަތިވާއިރު، ދަތުރުކުރާ ބައެއް އުޅަނދުތައް އަނދައި، ނޫނީ ވެއްޓުމުގެ ސަބަބުން ދަތުރު ނާކާމިޔާބުވެ އެވެ.

އަމަލްގެ މި ކާމިޔާބާއާއެކު މާސްއަށް ކާމިޔާބުކަމާއެކު ދަތުރުކުރި ފަސް ސްޕޭސް އެޖެންސީގެ ތެރޭގައި ޔޫއޭއީ ހިމެނެ އެވެ. މި މިޝަނަކީ ޔޫއޭއީއިން ކުރި މިފަދަ ދަތުރުކަމުން، މިޝަން ކާމިޔާބުވުމަކީ އެ މީހުނަށް ލިބުނު ޝަރަފެކެވެ.

އަމަލްގެ ކާމިޔާބީ ފާހަގަކުރަން ޔޫއޭއީގައި ހުންނަ ބުރުޖް ޚަލީފާ ފަދަ މަޝްހޫރު ބިނާތައް ރަތްކުލައިން ދިއްލުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރަކީ ޔޫއޭއީ ވުޖޫދައް އައިތާ 50 އަހަރު ފުރޭ އަހަރުކަމަށް ވާތީ އަމަލްގެ މިކާމިޔާބީ އިތުރަށް ހާއްސަވެގެންދެ އެވެ.