ކޮވިޑް-19ގެ ހާލަތާއެކު ގިނަ އޮފީސްތަކުން މިވަނީ އެ އޮފީސްތަކުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ. ބައެއް މީހުންނަށް މިގޮތް މާ ރަނގަޅު ވިޔަސް ބައެއް މީހުންނަށް މިކަން ވަނީ ފޫހި، އަދި އެކަނިވެރިކަން އިހުސާސު ކުރެވޭ ކަމަކަށެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރާ އިރު ވަރަށް ގިނަ "ޑިސްޓްރެކްޝަން"ތައް އާދެ އެވެ. އަދި މީގެ ސަބަބުން މަސައްކަތަށް ދޭންޖެހޭ ވަރަށް ސަމާލުކަމެއް ވެސް ނުދެވެ އެވެ. މީގެ އިތުރުން ގޭގައި ކުރަން ޖެހޭ މަސައްކަތްތަކާއި އޮފީހުގެ މަސައްކަތްތައް އެކުވެ، ބޮޑު އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ފަހަރު ވެސް އާދެ އެވެ.

ކެރިއާ ކޯޗެއް ކަމަށްވާ ހޭލީ ކްރޯފޯޑް ވިދާޅުވި ގޮތުގައި މަސައްކަތް ކުރާ ހިތްވަނިީ މަސައްކަތްކުރާ މާހައުލުގެ ގޮތުން ކަމަށް ގިނަ މީހުންނަށް މިހާރު ވަނީ ވިސްނިފަ އެވެ. އަދި މިހާރު ގެއިން މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ވަޒީފާގެ މަތިން ފޫހިވެފައި ތިބި މީހުންވެސް ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެނބުރި ކުރީގެ ހާލަތަށް ރުޖޫއަވެގެން އަނބުރާ އޮފީސްތަކަށް ދެވޭނީ ކޮންއިރަކު ކަމެއް ބުނަން ދައްޗެވެ. އެހެން ކަމުން އެންމެ ފުރަތަމަ އަމިއްލަ އަށް، ގެއިން މަސައްކަތް ކުރުމުގެ ސަބަބުން އެންމެ ބޮޑަށް އުނިވަނީ ކޮން ކަމެއްތޯ ދެނެގަތުން މުހިއްމެވެ. މިސާލަކަށް އެއީ ސޯޝަލައިޒް ވުން، މަސައްކަތްކުރާނެ މާހައުލެއް ނެތުން، ޓެކްނިކަލް މަސަލަތައް ނުވަތަ އެކަނިވެރިކަން އިހުސާސުވުންތޯ އަމިއްލަ އަށް ދެނެގަންނާށެވެ. އޭރުން އެކަން ކަން ހައްލުކުރަން ފަސޭހަ ވެގެންދާނެ އެވެ.

ރޫޓިން މިސްވުން

ކޮންމެ ދުވަހަކު ހެނދުނު އޮފޯހަށް ގޮސް ކޮފީއެއް ބޯލާ، އޮފީސް ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުން މިސްވޭދޯ އެވެ. އެހެން ނަމަވެސް ގެއިން މަސައްކަތް ކުރުމުން ވާ ފައިދާތަކެއް ހުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ އަށް ބޭނުން ވަގުުތަކަށް މަސައްކަތްތައް ތާވަލު ކުރެވުން ހިމެނެ އެވެ. މަސައްކަތް ކުރާނެ ވަގުތު ކަނޑައެޅުމުގެ ފުރުސަތުވެސް އަމިއްލަ އަށް ލިބިގެން ދިއުމަކީ މަސައްކަތް ކުރުމަށް ފަސޭހަ ވާނެ ކަމަކެވެ.

މަސައްކަތްކުރުމަށް ހާއްސަތަނެއް ނެތުން

ގޭގައި މަސައްކަތް ކުރާ އިރު ގިނަ ފަހަރަށް އޮފީސް މަސައްކަތް ކުރަން އޮންނަ ތަންކޮޅަކީ ޓީވީ ބަލާ، ކައިބޮއެ ހަދަން ވެސް އޮތް ތަނެވެ. އެހެން ކަމުން މަސައްކަތުގެ "ފީލް" އެއް ނާދެ އެވެ. މިކަން ހައްލު ކުރުމަށްޓަކައި ގޭގައި ކުޑަ މޭޒެއް ނަމަވެސް ބަހައްޓާފައި ލެޕްޓޮޕް، ފޮތް އަދި ގަލަން ފަދަ ތަކެތި ބަހައްޓާފައި އޮފީހުގެ އިހުސާސް ގެނެވިދާނެ އެވެ.

ހުސް ވަގުތު އޮތަސް މަސައްކަތް ނުނިމެނީތަ؟

ގޭގައި ތިބެގެން މަސައްކަތްކުރާ އިރު ގިނައިން ހުސްވަގުތު ލިބޭނެ އެވެ. އެހެން ނަމަވެސް މަސައްކަތް ނިންމަން ކަނޑައެޅިފައި އޮންނަ ގަޑިއަސް ނުނިންމޭ ނަމަ އަމިއްލަ އަށް ހަރުކަށި ތާވަލެއް ހަައދައިގެން އެ ތާވަލާއި އެކު މަސައްކަތް ކުރަން ފަށާށެވެ. އަދި މިހެން ހެދުމުގެ ސަބަބުން މީހާ ބޮޑަށް މަސައްކަތުގެ ތެރެއަށް ވަދެވި، ކުރާ ހިތުން މަސައްކަތް ކުރެވޭނެ އެވެ.

އެކަނިވެރިކަން އިހުސާސު ވުން

އޮފީހުގައި ލިބޭ ހުސްވަގުތު ތަކުގައި އޮފީސް ރައްޓެހިންނާއި ވާހަކަ ދައްކާލާ ހީ ސަމާސާކޮށް، ކޮފީ އަކަށް ނުވަތަ ކާން ދިއުން ވަރަށް ހަނދާންވޭ ދޯ އެވެ. މިކަން ވެސް ހަމައަކަށް އެޅެން އަދި ދުވަސްތަކެއް ނަގާނެ އެވެ. އެހެން ކަމުން ހަފްތާ އަކު އެއް ފަހަރު ނަމަވެސް ރަހުމަތްތެރިންގެ ހާލު ބަލައިލާ، ވާހަކަދައްކާލަން ޒޫމް ނުވަތަ އެހެންވެސް ޕްލެޓްފޯމަކުން ވީޑިއޯ ކޯލް ކުރެވިދާނެ އެވެ.

މާ ގިނައިން މަސައްކަތް ކުރެވޭހެން ހީވުން

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ޑިއުޓީ ގަޑިއަކީ 8-2 އަކަށް ނަމަ އެ ހަ ގަޑިއިރުގެ ތެރޭގައިވެސް މީހާ ހުންނަން ޖެހޭނީ މަސައްކަތަށް މުޅިން ހުސްވެގެން ކަމަށެވެ. އެހެނަ ނަމަވެސް ގެއިން މަސައްކަތް ކުރާ ނަމަ ދޭތެރެ ދޭތެރެއިން ބްރޭކެއް ނަގާލާ ކޮންމެވެސް އެހެން ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެން ކަމުން އެ ފުރުސަތު ނަގާނުލާށެވެ.