މި ދުވަސްވަރަކީ އާންމު އިންތިޚާބުގެ ކެމްޕެއިން ގަދަޔަށް ވައިގައި ހިފާފައިވާ ދުވަސްވަރު ކަމުން އިންތިޚާބާ ގުޅޭ ގިނަ ވައުދުތަކެއްގެ ވާހަކަ ދަނީ އިވެމުންނެވެ. ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ސަރުކާރުން ވެސް އަންނަނީ ވައުދުތައް ވަމުންނެވެ. ކޮންމެ ވައުދަކީ އުމްރާނީ ތަރައްގީއާ ގުޅުންހުރި ވައުދަކަށް ނުވި ކަމުގައި ވިޔަސް ގިނަ ވައުދުތައް ގޮސް ނިމެނީ ތަރައްގީގެ ކޮންމެވެސް ބޮޑު މަޝްރޫއަކާ ދިމާއަށެވެ. ފުވައްމުލަކުގައި ހިނަގމުންދާ ކެމްޕެއިން ހަރަކާތުގެ ތެރެއިން އެންމެ މުހިންމު ވައުދެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭ އެއް ވައުދަކީ ރަށުގެ ޗަސް ބިން ހިއްކައިގެން ގޯތި ދިނުމުގެ ވައުދެވެ. އެއީ ބޮޑު ވައުދެކެވެ. ޚާއްސަކޮށް ތިމާވެއްޓާ ގުޅުން ބޮޑު ވައުދެކެވެ.
ސިޔާސީ ގޮތުން ބަހާފައި އޮންނަ ގޮތުން ރާއްޖޭގެ އެންމެ ދެކުނުގެ ދެވަނައަށް އޮންނަ އަތޮޅަކީ ފުވައްމުލައް ކަމުގައި ވިޔަސް ފުވައްމުލަކަކީ ގުދުރަތީ ގޮތުން އަތޮޅެއް ނޫނެވެ. ހަމަ އެފަދައިން އެހެން އަތޮޅެއްގެ ރަށެއްވެސް ނޫނެވެ. އެހެން ކަމުން އެރަށަކީ އައްޑޫ ކަނޑުގެ މެދުގައި އައްޑުއާއި ހުވަދުއާ ދެމެދު، އެއްވެސް އަތޮޅާކާ ގުޅުމެއް ނެތި އޮތް ވަކި ރަށެކެވެ. ރަށުގެ މާހައުލު ވެސް ރާއްޖޭގެ އެހެން ގިނަ ރަށްރަށާ ތަފާތެވެ. ވެށި ތަފާތުވުމާ އެއްވަރަކަށް އެވެށީގެ ނާޒުކުކަން ވެސް ވަރަށް ބޮޑެވެ. ފާއިތުވެ ދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި އައި ތަރައްގީގެ ސަބަބުން ރަށުގެ ވެށްޓަށް ވަނީ ބޮޑެތި ގޮން ޖެހުންތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ކަންތައް މިތާނގައި ފާހަގަ ކޮށްލާނެމެވެ.
ރަށުގެ ދަނބުވާ
އިނގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރު ފުވައްމުލަކުގެ މަތިން ނަގާފައިވާ ފޮޓޯއެއް މި ލިއުމުގައި ހިމަނާފައި ވާނެ އެވެ. ބޯ ޖަންގައްޔެއްގެ ގޮތުގައި އެފޮޓޯއިން ފެންނަ ގަދަ ފެހިކަން ރަށަށް ގެނެސްދީފައި އެވަނީ ރަށުގެ މީހުން ދިރިއުޅޭ ހިކި ބިމަށް ވުރެ ބޮޑު ޗަސްބިމުގެ ސަރަހައްދުގައި ހެދިފައި ހުރި ދަނބު ގަސްތަކުންނެވެ. އެފޮޓޯ އަށް ސާޅިހަކަށް އަހަރު ވީއިރު މިހާރުގެ ފުވައްމުލަކުގައި އެ ދަނބު ގަސްތަކެއް ނެތެވެ. އާރްއޭއެފްގެ ފޮޓޯއިން އެ ފެންނަ ބޯގަސްތައް ރަށް މަތިން މިހާރަކު ފެންނާކަށް ވެސް ނެތެވެ. އެ ދަނބުގަސްތަކަށްވީ ކިހިނެއް ހެއްޔެވެ.
ހަތްދިހައިގެ އަހަރުތަކުގައި ރާއްޖޭގެ ގޭގޭގައި ސިޓިން ރޫމްތައް ހަދައި އެ ސިޓިންގްރޫމްތަކުގައި ބޮޑު ގޮނޑި ބަހައްޓަން ފެށުމާ އެކު އެންމެ ބޮޑު ޑިމާންޑެއް އައީ ފުވައްމުލަކުގެ ދަނބު ގަސްތަކަށެވެ. އެ ގަސްތަކަކީ އެތައްސަތޭކަ އަހަރެއްވެފައި ހުރި ގަސްތަކަކަށް ވެފައި ރީތިކޮށް ގޮނޑި ޖެހުމަށް ވަރަށް ރަނގަޅު ލަކުޑިއެއްކަމުގައި ފާހަގަވީ އެވެ. ޚާއްސަކޮށް އެ ރަށުގެ ވަޑިން ވަރަށް ރީތިކޮށް އެފަދަ ބޮޑު ގޮނޑި ޖަހައިގެން މާލެއަށް ވިއްކަން ވެސް ފެށީ އެވެ. ފުވައްމުލަކުގެ ދަނބު ގަސްތަކަކީ ވަކި މީހެއްގެ މިލްކަކަށް ނުވުމުން އެގަސްތައް ވެފައި އޮތީ ބަންޑާރަ ގަސްތަކަކަށެވެ. އެހެންކަމުން ރަށު އޮފީހުން ދޫކުރާ ސިޓީއަކަށް އެކަމަށް ކުޅަދާނަ މީސްމީހުން ދަނބު ވަލަށް ވަދެ ބޭނުންވަރަކަށް ގަސްކޮށައި ހުސްކޮށްލީ އެވެ. ކޮށާލެވޭ ގަސްތަކުގެ ލަކުޑިއަށް ބޭނުންކުރެވޭ ބައިތައް މާލެއަށް ގެންދިއުމަށް ފަހު ބާކީ ބައިން އުވަ ދަވަނީ އެވެ. އެގޮތަށް ގޮސް ބޭނުން ހިފޭފަދަ ބިޔަ ހުރިހާ ދަނބުގަސްތައް ހުސްވި އިރު މި ކުރެވެނީ ކިހާ ވަރުގެ ކަމެއް ކަން ވެސް އެކަން ކުރި މީހުނަށް ހަގީގަތުގައި ނޭނގެ އެވެ.
ރަށުގެ ގޮނޑު ދޮށް
ފުވައްމުލަކުގެ ގޮނޑު ދޮށަކީ ބިޔަ ގޮނޑު ދޮށެކެވެ. ރީތި ތުނޑިތަކުން މުއްސަނދިވެފައި އޮތް ދޮންވެއްޔާއި އަކިރިޔާއި ތަފާތު ސައިޒުގެ ވެއްޔާއި ހަތާގެ ޚަޒާނާއެކެވެ. އެކަން ވެސް ދެމި އޮތީ ހަތްދިހައިގެ އަހަރުތަކާ ހަމައަށެވެ. ޓުއަރިޒަމާ އެކު އާންމު ރައްޔިތުންގެ އަތްމަތި ތިޔާގި ވުމާ އެކު ފެށި އިމާރާތް ކުރުމުގެ މަސައްކަތަށް، ރަށުގެ ގޮނޑު ދޮށުން ވެއްޔާއި އަކިރި ނަގަންފެށިގޮތަށް ގޮނޑުދޮށް ހުސްވި އިރުވެސް އެކަން ހުއަޓާލާކަށް ނޭނގުނެވެ. އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކާ މެދު ނުވިސްނުމުގެ ނަތީޖާއެއްގެ ގޮތުން މާލޭގެ ގެދޮރު އިމާރާތް ކުރުމަށް ވެސް ފުވައްމުލަކުން ވެއްޔާއި އަކިރި ގެންދިޔަ އެވެ. މިއަދު ރަށުގެ ވަށައިގެން އެއްޒަމާނެއްގައި އޮތް ބިޔަ ދޮންވެލި ތުނޑި ތަކާއި އަކިރިއާއި ވެއްޔެއް ނެތެވެ. ރަށްވަށައިގެން ދަނީ ގިރަމުންނެވެ.
ކާޅާއި ވާލާއި ބަނބުކެޔޮ ގަސް
އަށްޑިހައިގެ އަހަރުތަކުގެ ކުރިޔާ ހަމަޔަށް ފުވައްމުލަކަކީ އެއްގޮތަކަސް ވެސް ވާ އުޅޭ ރަށެއް ނޫނެވެ. އެރަށުގައި އުޅެނީ ކާޅެވެ. ވާލާއި ކާޅަކީ ބައެއް ރަށް ރަށުގައި އެއްވަރަކަށް އޭގެ އާބާދީ އުޅުމުގެ ސަބަބުން އެކު އެކީ އުޅޭ ދެ ދޫނި ކަމުގައި ވިޔަސް ހުސް އެކަނި ކާޅު އުޅޭ ރަށަކަށް ވާލެއް ހިޖުރަ ކޮށްފިނަމަ އެވާލަކަށް ކާޅު ހަމަލަދީ މަރާލާނެ އެވެ. ނޫނީ ރަށުން ބޭރު ކުރާނެ އެވެ. ފުވައްމުލަކުގައި ވެސް ކަންތައް ހިނގަމުން ދިޔައީ އެހެންނެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިނެއްހާ ހިސާބުގައި ރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ދުނިޔޭގެ ދަނޑުވެރިކަމާ ބެހޭ ބައިނަލްއަގުވާމީ އިދާރާއާ ގުޅިގެން ފުވައްމުލަކުން ކާޅު ހުސްކޮށްލަން ނިންމީ އެވެ. ބޭނުމަކީ އަނބުގަސްފަދަ ރަށުގެ މޭވާ ގަސްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމެވެ. އެގޮތަށް ނިންމުމަށް ފަހު ރަށުގެ ކާޅުތަކަށް ވިހަ ލައިގެން ހުރިހާ ކާޅުތައް ގާތްގަނޑަކަށް ހަފުތާއެއްގެ ތެރޭގައި ހުސްކޮށްލައިފި އެވެ. ރައްޔިތުން ތިބީ އުފަލުންނެވެ. އަނބާއި ފަތްކެޔޮ ފަދަ މޭވާ އެތައް ގުނަޔަކަށް އިތުރަށް ލިބެން ފެށި އެވެ. އެ އުފާވެރިކަމުގައި ރައްޔިތުން ތިއްބާ ފެނުނީ ރަށުގެ ބިޔަ ބަނބުކެޔޮ ގަސްތައް މަރުވާން ފެށި ތަނެވެ. ކަމާ ބެހޭ އިދާރާތަކުން ބެލި ބެލުމުން އެނގުނު ގޮތުގައި ބަނބުކެޔޮ ގަހަށް ހަމަލަ ދެނީ ކުޑަކުޑަދިރޭ ސޫތްޕެކެވެ. އެ ފަނި ބަނބުކެޔޮ ގަހުގެ ބުޑަށް ހަމަލާ ދިނުމުން ގަސް އެއްކޮށް މަރުވަނީ އެވެ. ހޯދުންތަކުން އެނގުނު އަނެއް ކަމަކީ މި ފަންޏަކީ ކާޅަށް ވަރަށް މީރު ފަންޏެއް ކަމެވެ. ކާޅު އުޅޭ އިރު އެފަނި ރަށުތެރޭގައި ގިނަވެ ގަސްގަހަށް ހަމަލަ ދިނުމުގެ ފުރުސަތު ނޯންނަ ކަމެވެ. ރަށުގެ ބަނބުކެޔޮ ގަސްތައް ނެތި ދިޔުމުގައި ބައިވެރިޔަކަށްވި ފަނި ރަށުގައި އާލާވީ ކާޅު ހުސްވުމުންނެވެ. އެ ފަނި ކޮންޓްރޯލް ކުރުމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އެހެން ފަންޏެއް ރަށަށް ދޫކޮށް މައްސަލަ ހައްލު ކުރި އެވެ.
ކާޅު ހުސްވުމާ ގުޅިގެން ދެންދިމާވި އަނެއް މައްސަލައަކީ ވާލުގެ އުނދަގުލެވެ. ކާޅަށް ބިރުން ރަށަށް އަރައި ނޫޅެވުނު ވާތައް މަޑުމަޑުން ރަށަށް ގަދަ ކޮށްލައިފި އެވެ. ޒަމާނާ އެކު ކާޅުގެ އާބާދީ ވެސް އިތުރު ވެއްޖެ އެވެ. މިހާރު ރަށުގެ ދަނޑުތަކަށް ކުރިމަތިވަނީ ރޭގަނޑު ވާލުގެ ހަމަލާ އެވެ. ދުވާލު ކާޅުގެ ހަމަލާ އެވެ.
ވިސްނާނުލާ ވެށީގެ އެއްކަމަކާ ކުޅެފިނަމަ އަނެއް ކަމަކަށް އަސަރު ފޯރާ ގޮތުގެ ރީތި މިސާލު ވިސްނާ ބަޔަކަށް ފުވައްމުލަކުން ފެންނަން އެބައޮތެވެ. އެހެންކަމުން ރަށުގެ ޗަސް ބިން ހިއްކައިގެން ގޯތި ދިނުމުގެ ފަދަ ވާހަކަ ދައްކާނަމަ އެދައްކާ ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނައި ދިރާސާ ކުރަން ޖެހޭނެ އެވެ.