ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނުހައްގުން ހުޅުމާލެއިން ދޫކުރި ކަމަށް ބުނާ 50 ބިމެއް އަތުލާނެ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި ފަޒުލް ރޭ ވިދާޅުވީ ހުޅުމާލެއިން ދޫކުރި ބިންތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ހުރުމުން، އެކަން ބެއްލެވި ކަމަށެވެ.

އެޗްޑީސީން ހޯދި މައުލޫމާތުން، ނުހައްގުން 50 ބިން ކުންފުނިތަކަށް ދޫކޮށްފައިވާ ކަން އެނގެން އޮތް ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ފަންސާހަކަށް ބިން ހުޅުމާލޭގެ ފޭސް އެކަކުން، ފޭސް ދެއަކުން، ފޭސް ތިނަކުން ދިނީ ނުހައްގުންކަން އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން. މި ކުރެވޭ މަަސައްކަތުގައި ރައްޔިތުންގެ މުދާ ރައްޔިތުންނަށް އަނބުރާ ނަގައިދޭނަން އަޅުގަނޑުމެން،" ފަޒުލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އިންފާރު ރާނާފައި. ފޮޓޯ: އެޗްޑީސީ

އޭނާ ވިދާޅުވި ގޮތުގައި ނުގަވައިދުން ދޫކުރި ބިންތައް ނަގާނީ ގަވައިދުގެ ތެރެއިން އެކަން ކުރަން އޮންނަ އުސޫލުންނެވެ.

"އެކި އެކި ފަރާތްތަކަށް ދީފައި ހުރި ބިންތައް އަޅުގަނޑުމެން އަތުލުމުގެ މަސައްކަތްކުރާނަން. އެ މީހުންގެ ހައްގުތައް ކަށަވަރުކުރާނަން. ނަމަވެސް ގަވާއިދާ ހިލާފަށް ދެވިފައި ހުރި ބިމެއް ވިއްޔާ އެކަންކަން އަޅުގަނޑުމެން ތަރުތީބުކުރާނީ ގަވައިދުގެ ތެރެއިން،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނުހައްގުން ބިން ދޫކުރި ވާހަކަ މީގެ ކުރިން އޭނާ ދައްކަވާފައިވާތީ އެކަމާ ގުޅިގެން ޕްރެޝަރު އަ އެވެ. އެކަމަކު ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކޮށް، ޕްރެޝަރު ކުރިމަތިކުރިޔަސް އެ ވާހަކަ ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ދޫކޮށްފައިވާ ސަރަހައްދެއް. ފޮޓޯ: އެޗްޑީސީ

ފަޒުލް ވަނީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރި ގޮތާ ގުޅިގެން ވެސް ނުރުހުން ފާޅުކުރައްވައިފަ އެވެ. ބިންވެރިޔާ ސްކީމުން ބިން ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން ލަސްވެ، އެކަމުގެ ކަންބޮޑުވުން އޮތްއިރު، ފަޒުލް ވިދާޅުވީ އެކަން ދިމާވީ ވެއްޔާއި ހިލަ ފުނިތަކުން ބިން ދޫކުރުމުން ކަމަށެވެ.

އެކަމަކު އެތަންތަން ހުސްކޮށް ބިން ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރައްވާނެ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.