އާތްރައިޓިސްއަށް ބޭނުންކުރާ ބޭހަކުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ދަށްކުރެވޭ ކަމަށް ސައިންސްވެރިންގެ އާ ދިރާސާއަކުން ދައްކައިފި އެވެ.
ޓޮސިލިޒަމަބް ނަމަކަށްކިޔާ މިބޭހުގެ ސަބަބުން 25 އިން 1 ކޮވިޑްގެ ބަލި މީހުން މަރުން ސަލާމަތްކުރެވޭއިރު އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީ ހޯދަނަޖެހޭ މީހުންގެ އަދަދު މަދުކުރެވެ އެވެ.
ރިސާޗަރުން ބުނާގޮތުގައި މިފަރުވާގެ ސަބަބުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އޭޑްމިޓްކުރާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ފަރުވާދިނުމަށް އެހީ ލިބިގެންދާނެ އެވެ.
ރިކަވަރީ ޓްރަޔަލް ނަމަކަށް ކިޔާ މި ރިސާޗްގައި ބައިވެރިވި ސައިންޓިސްޓުން ބުނާގޮތުގައި ކޮވިޑްގެ ބަލިމީ ހުންނަށް ޓޮސިލިޒަމަބްއާއެކު ސްޓެރޮއިޑްއެއް ކަމަށްވާ ޑެކްސަމެތަސޯން ދިނުމުން ރިސްކް އޮފް މޯޓާލިޓީ ހަތަރު އިންސައްތަ ދަށްކުރެވެ އެވެ.
މި ބޭސް ދިނުމުން މަރުވާ މީހުންގެ އަދަދު ދަށްކުރެވޭއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ދުވަހުން 10 ދުވަސްވަރު މަދުކުރެވޭ ކަމަށް ދިރާސާއިން ދެއްކުމުން މިދިޔަ މަހުން ފެށިގެން އިނގިރޭސިވިލާތުގެ އެންއެޗްއެސްގައި ކޮރޯނާ ޖެހިގެން ފަރުވާދޭ މީހުންނަށް މިބޭސް ދޭންފަށާފައިވެ އެވެ.
ހެލްތް ސެކްރެޓަރީ ވިދާޅުވިގޮތުގައި މި ހޯދުނު ހޯދުމުގެ ސަބަބުން ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އެންއެޗްއެސްގައި މި ބޭސް ފަސޭހައިން ލިބޭނެގޮތް ހަމަޖައްސައިދޭނެ އެވެ.
ދިރާސާއިން ދައްކަގޮތުގައި އޮކްސިޖަން ގުޅާފައިވާ ކޮވިޑްގެ ބަލި މީހުންނަށް ޑެކްސަމެތަސޯންއާއެކު މިބޭސް ދިނުމުން މަރުވުމުގެ ރިސްކް 14 އިންސައްތަ ކުޑަކުރެވޭއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ދުވަހުން ފަސް ދުވަސް މަދުކުރެވެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގައި މަސައްކަތްކުރާ ޕްރޮފެސާ އޮފް މެޑިސިން އެންޑް އެޕިޑެމޮލޮޖީ މާޓީން ލެންޑްރޭ އަދި ރިކަވަރީ ޓްރަޔަލްގެ ޖޮއިންޓް ޗީފް އިންވެސްޓިގޭޓަރު ވިދާޅުވިގޮތުގައި އެ ދިރާސާގެ ނަތީޖާއިން ސާފުކޮށް ދައްކާގޮތުން ޓޮސިލިޒަމަބްއާއެކު ޑެކްސަމެތަސޯން ދިނުމުން ކޮވިޑް 19ގައި އެންމެ ބޮޑުވަރު ނުވެ ސަލާމަތްވުމަަށް އެހީވެދެ އެވެ. މިގޮތުން މަރުން ސަލާމަތްވުމަށް އެހީވެދޭއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ދުވަސް މަދުވެފައި ވެންޓިލޭޓަރުގެ އެހީ ހޯދަންޖެހޭ މިންވަރު މަދުކޮށްދެ އެވެ.
"ދެބޭސް އެއްކޮށް ބޭނުންކުރުމުން އެއިންކުރާ އަސަރު ވަރަށް ރަނގަޅު. މިއީ ބަލި މީހުންނާއި ޔޫކޭގެ އިތުރުން މުޅި ދުނިޔޭގައި ބަލި މީހުންނަށް ފަރުވާދެމުންދާ ސިއްހީ އެހީތެރިންނަށް ވަރަށް ވެސް އުފާވެރި ހަބަރެއް،" ޖޮއިންޓް ޗީފް އިންވެސްޓިގޭޓަރު އަދި ލެންޑްރޭ ވިދާޅުވި އެވެ.
ދިރާސާގައި 4،000 އަށްވުރެ ގިނަ މީހުން ބައިވެރި ރިކަވަރީ ޓްރަޔަލްގައި ރެންޑަމްކޮށް 2،022 މީހުން ހޮވި، ޓޮސިލިޒަމަބް ދީފައިވައިރު ބާކީތިބި މީހުންނަށް ދީފައިވަނީ އާންމުކޮށް ވެސް ދޭ ފަރުވާ އެވެ. އާންމުކޮށްދޭ ފަރުވާދެވުނު މީހުންގެ ތެރެއިން 82 އިންސައްތަ މީހުންނަކީ ޑެކްސަމެތަސޯން ބޭނުންކުރަމުން ދިޔަ މީހުންނެވެ.
ރިސާޗުގެ ނަތީޖާއަށް ބަލާއިރު، ޓޮސިލިޒަމަބް ބޭނުންކުރި މީހުންގެތެރެއިން 596 މީހުން 28 ދުވަހުގެ ތެރޭގައި ވަނީ މަރުވެފަ އެވެ. އެއީ 28 އިންސައްތަ މީހުންނެވެ. ނަމަވެސް އާންމުކޮށްދޭ ފަރުވާ ދިން 694 މީހުންގެ ތެރެއިން 33 އިންސައްތަ މީހުން މަރުވި އެވެ.
ޓޮސިލިޒަމަބް ބޭނުންކުރުމުން ވެންޓިލޭޓަރުގެ އެހީ ހޯދަން ޖެހުނު މީހުން ނުވަތަ މަރުވި މީހުންގެ އަދަދު 38 އިންސައްތައިން 33 އިންސައަތައަށް ދަށްކުރެވިފައިވާ ކަމަށް ރިސާޗުން ދައްކަ އެވެ. މި މީހުންނަކީ ރިސާޗް ފެށިއިރު ވެންޓިލޭޓަރުގެ އެހީ ހޯދަމުންނުދާ މީހުންނެވެ.
އެ ޓީމުން ބުނާގޮތުގައި، ރިސާޗުން ދައްކާގޮތުގައި ބޮޑަށް އިންފްލެމޭޓްވެފައިވާ އަދި އޮކްސިޖަން ބޭނުންވާ މީހުންނަށް މި ދެ ބޭސް އެއްކޮށް ދިނުމުން، ތިންބައިކުޅަ އެއްބައި މީހުން ހަމައެކަނި އޮކްސިޖަން ދީގެން މަރުން ސަލާމަތްވެ އެވެ. އަދި ވެންޓިލޭޓަރުގެ އެހީ ހޯދަންޖެހޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް މަދުކުރެވެ އެވެ.
"ޓޮސިލިޒަމަބްގެ ކުރީގެ ޓްރަޔަލްތަކުން ދައްކާފައިވަނީ އެކި ނަތީޖާ. އަދި އެއިން ސާފެއްނޫން އެބޭސް ބޭނުންކުރުމުން ފައިދާކުރީ ކޮން ބަޔަކަށްކަމެއް،" އޮކްސްފޯޑް ޔުނިވާސިޓީގެ އިމާޖިން އިންފެކްޝިއަސް ޑިޒީސްގެ ޕްރޮފެސަރެއްކަމަށްވާ ޕީޓާ ހޯބީ އާއި ރިކަވަރީގެ ޖޮއިންޓް ޗީފް އިންވެސްޓިގޭޓަރު ވިދާޅުވި އެވެ.
"މިހާރު އަހަރެމެންނަށް އެނގޭ ޓޮސިލިޒަމަބް އިން ފައިދާކުރަނީ އޮކްސިޖަން ލެވެލް ދަށް އަދި ބޮޑަށް އިންފްލްމޭޓްވެފައިވާ ކޮވިޑްގެ ބަލި މީހުންނަށްކަން،" ހޯބީ އަދި ޖޮއިންޓް ޗީފް އިންވެސްޓިގޭޓަރު ވިދާޅުވި އެވެ. - އިންޑިޕެންޑެންޓް