ރަޖިސްޓްރީނުކޮށް ރާއްޖޭގައި ހިންގާ ނޫހެއް ކަމަށްވާ ދިޔަވަރު ނޫހާ އޭނައާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަނީ އެ ނޫހަކީ ޝާހިދު ހިންގާ ނޫހެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ސަނީފްގެ ވާހަކަދޮގުކުރައްވައި އެކްސްގައި ޝާހިދު ވިދާޅުވީ މަޖިލީހުގެ އިމްތިޔާޒް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގުހެދުމާއި މީސްމީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރެސީއާ ބީރައްޓެހި ކަމެެއް ކަމަށެވެ. އަދި އެއީ ފިނޑި އަމަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރައިމަރީއަކާ ނުލައި ޝާހިދަށް އެމްޑީޕީގެ ރައީސްކަން ލިބުމުން ސަނީފް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ 'އެންމެ ބޮޑު ޕާޓީ'ގެ ރައީސަކަށް މިހާރު ހުންނެވީ އެއްވެސް މީހަކު ކުރިމަތިނުލުމުން 'އިއްތިފާގުން ހޮވިފައިވާ ރައީސްއެއް' ކަމަށެވެ.

އެފަދައިން އެކަން މެދުވެރިވީ ކުރިއަށް މަޖިލިސް އިންތިހާބު އޮތުމުން ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް އެ އިންތިހާބު މުހިންމުވުމުން، ޕާޓީގެ ރައީސްކަމާއިގެން ނޫޅެވިގެން ކަމަށް ސަނީފް ވިދާޅުވި އެވެ.