އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ، ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމައި ތަމްރީން ކުރި ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން މާލޭގެ ބައެއް ބޮޑެތި މިސްކިތްތަކުގައި މިއަދު ޚުތުބާ ކިޔައި، އިމާމުވެ ނަމާދު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ތަމްރީން ކުރި ޒުވާނުންގެ ތެރެއިން އިމާމުވެ މިއަދު ހުކުރު ނަމާދު ކުރީ ހަތަރު ޒުވާނުންނެވެ. އެއީ ސުލައިމް މުހައްމަދު ލަތީފާއި، އަބްދުލް މަތީން މުހައްމަދާއި، ނައުފާން ނިޔާފްގެ އިތުރުން ހުސައިން ޒައިން އަލީ އެވެ.

ސުލައިމް އިމާމުވެ ހުކުރު ނަމާދު ކުރީ ތައިބާ މިސްކިތުގަ އެވެ. އަބްދުލް މަތީން އިމާމުވެ ހުކުރު ކުރީ އީދު މިސްކިތުގަ އެވެ. ނައުފަން އިމާމުވެ ހުކުރީ މާލޭ ހުކުރު މިސްކިތުގަ އެވެ. އަދި ޒައިން އިމާމުވެ ހުކުރު ކުރީ ހުޅުމާލޭގެ މަސްޖިދުލް އަމާނީގަ އެވެ.

އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދޭން ނިންމައި، އެކަމަށް ކުރިމަތިލުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ ޑިސެމްބަރު 10 ވަނަ ދުވަހު ހުޅުވާލި ފުރުސަތު ހަމަވިއިރު 160 ޒުވާނުން ކުރިމަތިލި އެވެ. އެގޮތުން ކުރިމަތިލި ޒުވާނުންނާ އިންޓަވިއު ކުރުމަށްފަހު ހޮވާލެވުނު ބައެއް ކުދިން ތަމްރީންކޮށްފައިވެ އެވެ. އަދި މިއަދު ހުކުރު ކުރި ޒުވާނުންނަށް މިހާރު ވަނީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމުގެ ހުއްދަ ވެސް ދީފަ އެވެ.

ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރު ވެސް ބައެއް ޒުވާނުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ހުތުބާ ކިޔުމުގެ ފުރުސަތު މީގެކުރިން ދިނީ ހަމައެކަނި ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.