މާލެ ސަރަހައްދުގައި ގްރޭޑް 1 އިން 6 އަކާ ދެމެދުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް އޮތް ދެހަފްތާގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޗްޕީއޭގެ ލަފާގެ މަތިން ނިންމާފައިވާ މިނިންމުމަކީ މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން މިމަހުގެ ކުރީކޮޅުވަނީ ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ކިޔެވުންވެސް އޮންލައިންކޮށް ބޭއްވުމަށް ނިންމާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން 1 އިން 6 އަކާ ދެމެދުގެ ދަރިވަރުންނަށް ސްކޫލް ބަންދުކުރިކަން އިއުލާންކުރިއިރު، ސޯޝަލް މީޑީއާގައި ސްކޫލް ބަންދު ނުކުރަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.

މިދުވަސްކޮޅު އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް މިވަނީ ވަރުގަދަކޮށްފަ އެވެ. މިގޮތުން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން އިރުއޮއްސި 6:00 ން ހެނދުނު 6:00 އަށް އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުން މަނާކޮށް އެކަން އިއުލާންކޮށްފަ އެވެ.