ބުޅާމަސް އަޅައިގެން ކާތަކެތި ތައްޔާރުކުރި ކަމުގެ ހެކި ނުފެނުމުން އެކަމުގެ ތުހުމަތުގައި ބަންދުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން ރާއްޖެއިން ޑީޕޯޓްކޮށްލައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މިހާތަނަށް ކުރި ތަހުގީގުން ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް އަރަފާތު ތައްޔާރުކުރި ކަމުގެ ހެކި ފެނިފައި ނުވާކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ތަހުގީގު ނިންމާ އިމިގްރޭޝަނާ ހަވާލުކުރުމުން އޭނާ ޑީޕޯޓު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އަރަފާތު ދިރިއުޅުނު ގ. ރަނައުރާގޭއާގޭ އަރަފާތު ކައްކާ ހަދާ ތަނުގެ ތެރޭގައި ބުޅާ ގެންގުޅެ އަނިޔާވެރިކޮށް ބުޅާ މަރާފައި ހުއްޓާ ފެނިފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ރިޕޯޓާއި ގުޅިގެން އިމިގްރޭޝަނުން އެތަނަށް ވަދެ ބެލި ބެލުމުގައި އޭނާ ދިރިއުޅޭ ތަން ވަރަށް ސާފުތާހިރުކަން ކުޑަކޮށް އޮތްތަން ވަނީ ފެނިފަ އެވެ. އަދި އެތަނުގައި އޭނާ ދިޔައީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންނެވެ.
އެ ބަދިގެއަށް އިމިގުރޭޝަނުން އެތަން ބަންދު ކުރީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިންނެވެ. ނަމަވެސް ބުޅާމަސް އަޅައިގެން އެއްވެސް ކާއެއްޗެއް އޭނާ ތައްޔާރުކުރި ކަމުގެ ހެކި އޭރު ވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.