ކޮވިޑް ޖެހިގެން މިމަހުގެ ތެރޭގައި ފަސްވަނަ މީހަކު ރޭ މަރުވެއްޖެ އެވެ.

އުމުރުން 78ގެ އެ އަންހެން މީހާއަކީ މި ބަލީގައި ރާއްޖޭގައި މަރުވި 57 ވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އައިޖީއެމްއެޗްގެ އީއާރަށް އެ އަންހެން މީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ މަރުވި ފަހުންނެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމުން އާއިލާގެ ޣައިރުހާޒިރުގައި ވަޅުލެވިފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މިބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ފެބްރުއަރީ މަސް ފެށުނުފަހުން ރާއްޖޭގައި ކޮވިޑް ޖެހިގެން 5 މީހުން މަރުވި އިރު މިބަލީ މިއަހަރުގެ މިހާތަނަށް ނުވަ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 84 އަހަރުގެ ފިރިހެނަކާއި، އުމުރުން 60 އަހަރުގެ އަންހެނަކާއި، އުމުރުން 77 އަހަރުގެ ފިރިހެނެއްގެ އިތުރުން ރޭ މަރުވި 78 އަހަރުގެ އަންހެން މީހާ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިއަހަރު ފެށުނު އިރާ ބަލާ އެތައް ގުނައެއް އިތުރުވެފައިވާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރުވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ.