މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅުން މަނާ އަދި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ ބޭނުމަށް ބޭރަށް ނުކުތުމަށް ނުވަތަ ވެހިކަލް ބޭނުންކުރުމަށް ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފުލުހުން ބުނީ ޕޮލިސް ޕާމިޓް ދެވޭނީ އިމަޖެންސީ ހާލަތުގަ އާއި ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށާއި އެއާޕޯޓް ޓްރާންސްފާއަށް ނުވަތަ ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަނުން ކާބޯތަކެތި ޑެލިވާ ކުރުމަށެވެ.
ޕޮލިސް ޕާމިޓު ހޯދުމަށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން އެދެވޭނެ އެވެ.
އަދި ޕޮލިސް ޕާމިޓާ ގުޅޭ މައުލޫމާތު 1665 އަށް ގުޅައިގެން ސާފުކުރެވޭނެ އެވެ.
ރާއްޖޭގައި ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް މިދުވަސްކޮޅު އިންތިހާއަށް މައްޗަށް ވަނީ ގޮސްފަ އެވެ. އޭގެ ސަބަބުން އިއްޔެއިން ފެށިގެން އަނެއްކާވެސް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެއްގަމު އުޅަނދު ދުއްވުން ވަނީ އިރުއޮއްސި 6:00 ން ހެނދުނު 6:00 އަށް މަނާކޮށްފަ އެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ގްރޭޑް 1-6 އަކާ ދެމެދުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ރޭ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.