ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި ކަމާ ބެހޭ ދާއިރާތަކުން ބައިވެރިވަނީ. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ރާއްޖެއާއި ތުރުކީއިން އެކަށައަޅާ ޚާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރުމަށްޓަކާ ކަމާބެހޭ ފަރާތްތައް ހިމެނޭހެން ދެ ގައުމުގެ ދެމެދު ކުރިއަށްދިޔަ ފުރަތަމަ ރައުންޑް ޓޭބަލް ބައްދަލުވުން މިއަދު ވަނީ ބާއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ.