މާލެ ސިޓީގެ ކުރީގެ ކައުންސިލަރު އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ)، ޕީޕީއެމްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުމަށް ކުރިމަތިލާފައިވާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވައިފި އެވެ.

ކުރިއަށް އޮތް އިންތިހާބުގައި ރުކުމާ ޑރ. މުއިއްޒުއަށް ތާއީދުކުރާކަން ހާމަކުރައްވާފައި މިވަނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ރުކުރުމާ ރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފުލެޓަށް އެދި ހުށެހެޅި ފަރާތްތަކަށް ކުރިން ދީފައިވާ ޕޮއިންޓު މަގުބޫލު އުޒުރެއް ނެތި މަދުކޮށްފައިވާތީ، އެކަމާހިތްހަމަނުޖެހޭ ފަރާތްތައް ކުރި އިހުތިޖާޖުގައި ޑރ. މުއިއްޒު ބައިވެރިވުމަކީ މާލޭ ރައްޔިތުން އެކަނިކޮށްނުލާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އެހެންނަމަވެސް ބަލިމަޑުކަމެއްގެ ތެރޭގައި އެފަދަ އެއްވުންތައް ނުބޭއްވުމަށް ކުރުމާގެ ޓުވީޓުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑރ. މުއިއްޒުއަށް ތާއީދުކުރައްވައި ކުރެއްވި ޓުވީޓާ ގުޅިގެން ރުކުމާއަށް ޝުކުރުއަދާކުރައްވާ ޑރ. މުއިއްޒު ވެސް ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. މުއިއްޒު ވިދާޅުވިގޮތުގައި ކުރުމާއާއި އޭނަގެ ޓީމާއެކު މިކެމްޕެއިނުގައި ވެސް އަދި އެއަށް ފަހުވެސް މަސައްކަތްކުރައްވާނެ އެވެ.

ޑރ. މުއިއްޒުއަށް ތާއީދުކުރާކަން ހާމަވާނެހެން ރޭގެ ވަގުތެއްގައި ވެސް ރުކުމާވަނީ ޓުވީޓެއް ކުރައްވާފަ އެވެ.