ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، މެލޭޝިއާ އެއާލައިންސް (އެމްއެޗް)ގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް އަލުން ފަށާނެކަން އިއުލާންކުރީ މިއަދު އެވެ.
އެ އެއާލައިނާ ހަވާލާދީ މެލޭޝިއާގެ ނޫހެއްގައި ބުނެފައި ވަނީ އެމްއެޗުން ތިން ސަރަހައްދަކަށް ދަތުރުތައް ފަށަން ނިންމައި، މިއަދުން ފެށިގެން ޓިކެޓް ވިއްކާނެ ކަމަށެވެ. މެލޭޝިއާ އެއާލައިނުން އަލަށް ދަތުރުތައް ފަށަން ނިންމާފައިވަނީ ރާއްޖޭގެ އިތުރުން ތައިލެންޑްގެ ޗިއަންމައި އަދި ވިއެޓްނާމްގެ ޑަނަންގް ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
މެލޭޝިއާ އެއާލައިންސްއިން ބުނެފައި ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާނީ މިއަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެގޮތުން ދުވާލަކު އެއް ދަތުރު ކުއާލަލަމްޕޫރާއި ރާއްޖެއާ ދެމެދު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެ އާއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޑެރްސެނިޝް އަރޭސަންދިރަން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މާކެޓުގައި ވަރަށް ބޮޑު ވާދަވެރި ކަމެއް އެބައޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިއަދު ހުރި އަގުގައި ޓިކެޓް ގަނެފި ނަމަ މިއީ މިވަގުތު ލިބޭނެ އެންމެ ރަނގަޅު އަގު ކަމަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސްޓްރެޓެޖީއަކީ ލެޝާ މާކެޓްތަކަށް އަމާޒުކޮށްގެން ވަށާ ޖެހޭ ގޮތަށް ދަތުރުތައް ކުރުން. ލެޝާ މާކެޓްތަކަކީ ހަގީގަތުގައި ބަޖެޓް. އެހެންވީމާ، ކިހިނެއްތޯ އެކަން ކުރާނީ؟ އެހެންވީމަ އިންޓަނޭޝަނަލް ފްލޯގައި ދުއްވުމަކީ ވަރަށް މުހިންމު ކަމެއް،" އެއާލައިން ހިންގާ އެމްއޭޖީގެ ގްރޫޕް މެނޭޖިން ޑިރެކްޓަރު ދާތުކް އިޒްހާމް އިސްމާއިލް އެ ނޫސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
މެލޭޝިއަން އެއާލައިންސްގެ ބޯޓު، އެޗް 370 މާޗް 8، 2014 ގައި ވީނުވީއެއް ނޭނގި ގެއްލުމާ ގުޅިގެން އެ އެއާލައިނަށް ދިމާވި މާލީ ގެއްލުމާ ހެދި ބައިނަލްއަގުވާމީ ވަރަށް ގިނަ މަންޒިލްތައް ކެންސަލްކުރި އެވެ. އެގޮތުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ.
މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާއިރު، ވެރިރަށް ކުއާލަލަމްޕޫރާއި ރާއްޖެއާ ދެމެދު ދެ އެއާލައިނަކުން މިހާރު ވެސް ދަތުރުކުރެ އެވެ. އެއީ އެ ގައުމުގެ ދެ ބަޖެޓް އެއާލައިން ކަމަށްވާ އެއާ އޭޝިއާ އަދި ބަޓިކް އެއާ އެވެ.