ހުޅުމާލެ ފޭސް2 ގައި ބަހައްޓާފައިވާ ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި، މަރުވެއްޖެ އެެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް" ގައި ވިދާޅުވީ، އެ ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި، މަރުވީ ހއ. ހޯރަފުށީގެ ޒުވާނެއް ކަމަށްވާ ހުސައިން ޝިފާއު އެވެ.

ސްޓެލްކޯ އިން ބުނީ، ހުޅުމާލެ 2 ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު އުމުރުން 27 އަހަރުގެ މީހާ މަރުވެފައިވާ ކަމަށެވެ. ޝިފާއު މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި. އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ސްޓެލްކޯ އިން ބުނީ އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުން ވެސް މިއަދު ބުނީ އެ ޒުވާނާ ކަރަންޓުގައި ޖެހިފައި އޮއްވައި ފެނުނީ ހުޅުމާލެ 2 ގެ ހިޔާ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ރޭގެ ފަތިހު 4:07 ހާއިރު ކަމަށެވެ. އެޗް 3 ޓަވަރުގެ ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރެއަށް ވެއްޓިފައި އޮތް ޝިފާއު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޓްރާންސްފޯމަރުތެރެއަށް އޭނާ ވެއްޓިފައި އޮތީ އަނިޔާތަކަކާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ އެކިއެކި ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ސްޓެލްކޯ އިން އާންމުންގެ ސަމާލުކަމަށް ގެނައީ މީގެ ދެ ދުވަސް ކުރިން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުންނެވެ.

އެ ކުންފުނީގެ އެމްޑީ ފަހުމީ މިދިޔަ ހުކުރު ދުވަހުގެ ރޭ އާންމުންނަށް ދޫކޮށްލެއްވި މެސެޖެއްގައި ވިދާޅުވީ، ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އޭގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިގެން އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު އަދި ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ ވެސް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެންނެވެ.

ފަހުމީ ވިދާޅުވީ، ހުޅުމާލެ 2 ގެ ހަސަން އާދަމް މިސްކިތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީހު ނަމާދު ކުރަމުން ދަނިކޮށް، އެ މިސްކިތުން ވެސް ކަރަންޓު ކެނޑުނީ އެ މިސްކިތާ ކައިރީގައި ހުރި ޓްރާންސްފޯމަރުގެ ދޮރުތައް ހަލާކު ކޮށްލައިގެން ބަޔަކު ވަދެ، އޭގެ ބައިތައް ވަގަށް ނަގަން އުޅުމުން ކަމަށެވެ.