"އަހަރެން މާލެ ފޭބިތާ އަހަރުވެސް ނުވެ އުޅެނިކޮށް އެތާނގައި ތިބި އެންމެ ތައުލީމްޔާފްތާ މީހުން އެކުވެގެން ހެދިފައިވާ މުޅިންހެން ރަސްމީ ކްލަބެއްގެ ރައީސް ކަމުގައި އަހަރެން ހޮވައިފިއެވެ. މީގެ ކުރިން މިމަގާމަކީ ރާއްޖޭގެ ބޮޑު ވަޒީރުންނަށް ޚާއްސަ ވެފައިވާ ތަނެކެވެ. އެންމެ ފަހުން އެގޮނޑީގައި އިންނެވީ ހިޒްއެކްސަލަންސީ އިބްރާހިމް ނާސިރެވެ. އެހެންވީއިރު އިނގިރޭސީންގެ މައްޗަށް ލެނބެމުން އަންނަނީ އަބްދުﷲ އަފީފްއާއި އޭނާގެ އެކުވެރިން އެކަންޏަކު ނޫންކަން ރަނގަޅަށް އެނގިއްޖެ ނޫންތޯއެވެ."

މަތީގައިވާ އިބާރާތް ކޮޅަކީ ރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު އާތިންގްޓަން ޑޭވީ ލިއުއްވާފައި ލިއުންކޮޅެއް ކަމުގައި ހީވިކަމުގައި ވިއަސް އެއީ ރާއްޖޭގެ ކުޅަދާނަ ލިއުންތެރިޔާ ހެންވޭރު މީރުބަހުރުގޭ މުހައްމަދު އިސްމާއީލު ދީދީ، "އަޅުގަނޑާއި ނާދީ ތަމައްދުނު" ސުރުޚީއަކަށް ޖައްސަވައިގެން ދުވަހު ނޫސް "ފަތިސް"ގައި ޝާއިއު ކުރައްވާފައިވާ ލިއުމެކެވެ.

އާތިންގްޓަން ޑޭވީއަކީ ރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު ކަމަށް ވެފައި، ސަފީރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި އެތަނެއްގައި ހިނގާ ކަންތަކުގެ ރިޕޯޓް، އެ ސަފީރެއްގެ ސަރުކާރަށް ހުށަހަޅަން ޖެހޭނެތީ ޑޭވީއަށް ދިވެހިންގެ ހިތްތައް ފަތަހަ ކުރުމުގައި ލިބެމުންދާ ކާމިޔާބު ފާހަގަކޮށް ރިޕޯޓެއް ފޮނުވައިފި ނަމަ އެރިޕޯޓުގައި އޮންނަން ޖެހޭނެ ކަމުގައި މުހައްމަދު އިސްމާއީލް ދީދީއަށް ހީފުޅުވެވަޑައިގެންނެވި ގޮތުގެ ޚިޔާލީ ވާހަކަކޮޅެކެވެ.

ނާދީގެ ޖަލްސާއެއްގައި އާތިންގްޓަން ޑޭވީ

ނާދީ ތަމައްދުނަކީ އޭރު ރާއްޖޭގައި ވަރަށް ގަދަރު ހުރި އިދާރާއެކެވެ. ސަރުކާރުގެ އިސް މުއައްޒަފުންނާއި އިލްމު ވެރި، ކަމުވޮށިވެގެންވާ ބޭބޭފުޅުންގެ ސޯޝަލް ކްލަބެކެވެ. ކްލަބް އުފެއްދެވީ ދިވެހި ގައުމިއްޔަތާއި މަދަނިއްޔަތު ކުރިއެރުވުމުގެ ޖޯޝާއި ފޯރި ހިތްޕުޅުގައި ބަންޑުންވެފައި ހުންނެވި ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނެވެ.

ނާދީގެ ފުރަތަމަ ރައީސަކީ ވެސް އަމީނެވެ. އަމީނަށްފަހު ވެސް އެ ކްލަބުގެ ރައީސްކަން ކުރައްވަމުން ގެންދެވީ އޭރަކު ސަރުކާރުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އާތިންގްޓަން ޑޭވީ، ކްލަބުގެ މެންބަރަކަށް ވެވަޑައިގެންނެވިއިރު އެކްލަބުގެ ރައީސަކީ ދިވެހި ރާއްޖޭގެ ބޮޑު ވަޒީރު ސާހިބުއްދައުލާ އިބްރާހިމް ނާސިރެވެ. ޑޭވީ، ނާދީ ތަމައްދުނުގެ މެންބަރަކަށް ވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މަސައްކަތްޕުޅު ހުރިގޮތުން، ނާދީގެ ރައީސްގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ކަމަށް ވިދާޅުވެ، ނާސިރު މަގާމުން އިސްތިއުފާ ދެއްވި އެވެ. އޭގެ ބަރާބަރު 16 ދުވަސް ފަހުން އެ ކްލަބުގެ ރައީސަކަށް އިންތިޚާބުވީ ރާއްޖެއަށް އިނގިރޭސި ސަރުކާރުން ފޮނުވާފައި ހުންނެވި ސަފީރު އާތިންގްޓަން ޑޭވީ އެވެ.

ޑޭވީ ބައިވެރިވެވަޑައިގެންނެވި ނާދީގެ ސައި ޕާޓީއެއް

އެދުވަސްވަރަކީ ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު މައްސަލަތަކެއް ކުރިމަތިވެފައި އޮތް ދުވަސްވަރެވެ. ސިލޯނަށް މިނިވަންކަން ލިބުމާއެކު އިނގިރޭސިންނަށް ގެއްލުނު ދިފާއީ މަރުކަޒު ރާއްޖޭގައި ބިނާކުރުމަށް އިނގިރޭސި ސަރުކާރުން އެކި ރޮނގު ރޮނގުން މަސައްކަތް ކުރަމުން ގެންދިޔަ ދުވަސްވަރެވެ.

ރާއްޖެއަށް އިނގިރޭސިންގެ ނުފޫޒު ފޯރުވުމަކީ އޭރުގެ ދިވެހި ބޮޑު ވަޒީރު ނާސިރު އެއްގޮތަކަށް ވެސް ބޭނުންފުޅު ވެވަޑައިގެންނެވި ކަމެއް ނޫނެވެ. އެހެންކަމުން ޑޭވީ އާއި ނާސިރާ ދެމެދު ފިނި ހަގުރާމައެއް އޭރު ދިޔައީ ހިނގަމުންނެވެ.

މީރުބަހުރުގޭ މުހައްމަދު އިސްމާއީލް ދީދީއަކީ ނާދީ ތަމައްދުނު އުފެދުނީއްސުރެ، ޑޭވީއަށް ރައީސްކަން ލިބިވަޑައިގެންނެވުމާ ހަމަޔަށް އެކްލަބުގެ އެއް ނައިބު ރައީސެވެ. އެހިސާބުން ނާދީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ އެވެ.

"ފަތިސް" ނޫހުގައި ލިއުއްވި ލިއުއްވުމުގައި ނާދީގެ ރައީސަކަށް ޑޭވީ އައްޔަން ކުރެވުނު ވާހަކައާއި ބޮޑު ވަޒީރު ނާސިރު އިސްތިއުފާ ދެއްވި ވާހަކައާއި ވިދިގެން ދެން ލިޔުއްވާފައި އޮތީ ސިލޯނުގައި އެދުވަސްވަރު ހިނގަމުން ދިޔަ ވަރަށް ފެންވަރު ރަނގަޅު ސޯޝަލް ކުލަބެއް ކަމަށްވާ އޯޓާސް ކްލަބުގެ ވާހަކަ އެވެ.

އޯޓާސް ކްލަބަކީ އެޒަމާނުގެ ފެންވަރުން ލަންކާގައި ހުރި ވަރަށް މަތީ ފެންވަރުގެ ކްލަބެކެވެ. އެތަނުގައި ރޭގަނޑު ކުޅެވޭ ފެންވަރަށް އަލިކޮށްފައިވާ ޓެނިސް ކޯޓާއި ފަތާ ފެންގަނޑާއި ޓޭބަލް ޓެނިހާއި އެނޫން ވެސް ތަފާތު ކުޅިވަރުތައް ކުޅެވެން ހުރެ އެވެ. އޭގެ އިތުރުން ފެންވަރު ރަނގަޅު ކެއިންބުއިމުގެ ޚިދުމަތް ވެސް އެތާނގައި ހުރެ އެވެ. އެ ކްލަބަށް ރަހުމަތްތެރިއެއްގެ ދައުވަތަކަށް މުހައްމަދު އިސްމާއީލް ދީދީ ވަޑައިގެންނެވި ދުވަހު އެތާގެ ވެރިޔަކާ ދެމެދު ދެކެވުނު ވާހަކަ ކޮޅު ވެސް ވަނީ މަޒުމޫނުގައި ހިމަނާފަ އެވެ. އޭނާއާ ކުރެއްވި ފުރަތަމަ ސުވާލަކީ އެ ކްލަބުގެ މެނަބަރަކަށް ވެވޭނެ ގޮތަކީ ކޮބައިތޯ އެވެ.

ލިބުނު ޖަވާބަކީ އެންމެ ފުރަތަމަ ޝަރުތަކީ ލަންކާ މީހަކަށްވުންކަމުގަ އެވެ. ދެވަނަ ސުވާލަކީ އިނގިރޭސިއަކަށް އެ ކުލަބުގެ މެންބަރަކަށް ވެވިދާނެތޯ އެވެ. ޖަވާބު ވަރަށް ކުރެވެ. ނުވާނެ އެވެ. އެއާއެކު އޭގެ ތަފުސީލު ދިގުކޮށް ދިނެވެ. އޭނާ ބުންޏެވެ. އިނގިރޭސިން އަހަރެމެންގެ ރާއްޖޭގައި ފަތަރާސީކުޅަ ޒަމާނުގައި ކޮޅުނބުގެ އެންމެ މަޝްހޫރު ގޯލްފޭސްގެ ކުރިމަތީގައި ކޮލޮމްބޯ ކްލަބުގެ ނަމުގައި އެމީހުން ކްލަބެއް ހަދައިގެން އުޅުނު އިރު ސިލޯނުގެ ކިތަންމެ ގަދަރުވެރި ބަޔަކު އެތަނަށް ވަންނަން އެދުނެވެ. ނަމަވެސް ނުވެއްދި އެވެ. އިނގިރޭސިއެއް ވެއްޖެއްޔާ އާގު ބޯޓުގެ މަސައްކަތު މީހެއް ވެސް ވައްދަ އެވެ. އެހެންކަމުން އެހާ ނިކަމެތިކޮށް އަހަރެމެންނާ ދޭތެރޭ ކަންތައް ކުރި ބަޔަކު އަހަރެމެންގެ ކްލަބަކަށް ނުވައްދާނަމެވެ.

އެއީ ކޮޅުނބުގައި އެކަން އޮތް ގޮތް ކަމަށް ވިޔަސް ރާއްޖޭގެ ނާދީ ތަމައްދުނުގެ ރައީސަކަށް އިނގިރޭސި ސަފީރު ވީ އެވެ. އޭނާއަށް ތާއީދުކުރި ބަޔަކު ވެސް ތިބީމަ އެވެ. އެހެން ނަމަވެސް އޭގެ ރާއްޖޭގެ ބޮޑު ވަޒީރު ނާސިރަށް އެގޮތެއް ކަމަކު ނުދިޔަ އެވެ. ޚާއްސަކޮށް ޑެވީއަކީ ދިވެހި ރާއްޖެއަށް އިނގިރޭސިންގެ ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް އޮތް ހުރަސްތައް ނައްތާލައި ރާއްޖެ ބައިބައިކޮށް ވެރިކަން ބަދަލުކުރުމަށް، ފޮނުވާފައި ހުރި އެޖެންޓެއް ކަމަށް ނާސިރު ދެކެވަޑައިގަތެވެ. ނާދީގެ ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވީ އެސަބަބާ ހެދި އެވެ.

ޑޭވީއަށް ނާދީގެ ރައީސް ކަން ލިބިވަޑައިގެންނެވި އިރު އެމަގާމުން އިސްތިއުފާ ދެއްވި ރައީސް ނާސިރު ގެންދެވީ އޭނާ ރާއްޖެއިން ބޭރު ކޮށްލެއްވުމުގެ ޕްލޭން ކުރައްސަވަމުންނެވެ. އެ ޕްލޭންގެ ނަތީޖާއެއްގެ ގޮތުން ދިމާވަމުން ކަންކަމުން ލިބިވަޑައިގެންނެވި މާޔޫސްކަމާ އެކު ޑޭވީ ރާއްޖެ ދޫކުރައްވައި ދިޔައީ އެވެ. އެއީ އިނގިރޭސިންގެ ކުރިމަތީގައި ދިވެހިންނަށް ލިބުނު ފަޚުރުވެރި ކާމިޔާބެކެވެ.