ރ. އަތޮޅު އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ރޭ އިރާކޮޅުގެ ވަގުތެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އާންމުންގެ އެހީއަށް އެމްއެންޑީއެފުން އެދެފި އެވެ.

އެންމެ ފަހުން ކަޅުކުލައިގެ މާޖެހި މޫދު ހެދުމެއް ލައިގެން ހުއްޓާ ފެނިފައިވާ މި އަންހެން މީހާގެ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އަދި ކައިރި ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން އެދެ އެވެ. އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އިލްތިމާސްކުރެ އެވެ.

އެމްއެމްޑީއެފުން ބުނިގޮތުގައި އެއަންހެން މީހާ ހޯދުމުގެ މަސައްކައްތް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓާއި ގުޅިގެން އަދިވެސް ދަނީ ކުރަމުންނެވެ. އެގޮތުން މިހާހިސާބަށް އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓް ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ވައިގެ މަގުން ބަލާފަ އެވެ. އަދި ރިސޯޓާއި ކޯސްޓުގާޑުގެ ޑައިވަރުންވަނީ 72،000 އަކަ މީޓަރު ޑައިވްކޮށްގެން ބަލާފައެވެ.

ރޭ 9:00 ހާއިރު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވާ މިހާދިސާ ހިނގިއިރު އަންހެންމީހާ ސްނޯކްލިންއަށް ދިޔައީ އެކަންޏެވެ.