ވޮޝިންޓަން (14 ފެބްރުއަރީ) - އެމެރިކާގެ ކެޕިޓަލް ހިލްގައި މިދިޔަ ޖެނުއަރީ ހަވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުން ތަކަށްފަހު ސެނެޓްގައި އޭނާގެ މައްޗަށް ކުރި ޝަރީއަތުން ޓްރަމްޕް ކުށްވެރިނުވާ ކަމަށް ފާސްކޮށްފި އެވެ.

ކޮންގްރެސް އިމާރާތުގެ ތެރެއަށް އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި އިމާރާތުގެ ގިނަ ތަންތަނަށް ގެއްލުންދީ، ލޫޓުވުމުގެ ހަރަކާތްތަކުގެ ސަބަބުން މިއަމަލަކީ ޓްރަމްޕް ޒިންމާ ނަންގަވަންޖެހޭނެ އަމަލެއްކަމަށް ބުނެ ޓްރަމްޕް އިމްޕީޗްކުރުމުގެ ޝަރީއަތްވަނީ ސެނެޓްގައި ކުރިއަށް ގެންގޮސްފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނާއި އަދި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ އިތުރުން އެމެރިކާގެ ގިނައަދަދެއްގެ ބަޔަކު ވަނީ ކޮންގްރެސް އިމާރާތުގެ ހިންގި ހަމަނުޖެހުންތަކަކީ ޓްރަމްޕް ސީދާ އެކަމަށް ހިތްވަރުދީ ކުރުވި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ސެނެޓްގައި ކުރިއަށްދިޔަ ޝަރީއަތުގައި ޓްރަމްޕްގެ މައްޗަށް ކުށްސާބިތުވުމަށް ސެނެޓްގައި ހިމެނޭ 100 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ. ނަމަވެސް މިކަމަށް ތާއީދުކޮށް ވޯޓް ދެއްވާފައިވަނީ 57 މެމްބަރުންނެވެ.

ކުށްވެރިނުވާކަމަށް ނިންމުމާއެކު ޓްރަމްޕް ވަނީ މިކަމަކީ ބަޔަކު ކުރިއަށްގެންދިޔަ ބޭކާރު މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި މިކަމާ ދެކޮޅަށް ވޯޓްދެއްވި އެންމެހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިއީ އެމެރިކާގެ ތާރީހުގައި ކުރިމަތިވި ހިތާވެރި ދުވަހެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެމެރިކާގެ ޑިމޮކްރަސީ ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭނެ ކަމަށާއި، ހަމަނުޖެހުމާއި، ހައްދު ފަހަނައަޅައިދިއުމަށް އެއްވެސް ބަޔަކަށް ފުރުސަތުދެވިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.