އޭރު މި ރަށުގައި މި ފެންވަރުގެ ބޭކަރީއެއް ނެތެވެ. އެ ދުވަސްވަރު ޕާނާއި ބަނަސް، ފާރޮށި ފަދަ ތަކެތި ގިނައިން ގެންނަނީ ކައިރީގައި އޮންނަ އައްޑޫ ނުވަތަ މާލެއިންނެވެ.
މި ރަށުގައި ރަނގަޅު ފެންވަރުގެ ބޭކަރީއެއް ހުރުމުގެ މުހިންމުކަން ވިސްނިގެން ޒަމާނީ މެޝިނަރީ ބޭނުންކޮށްގެން ޕާން، ބަނަސް، ފާރޮށި އަދި އެނޫން ވެސް އެކި އައިޓަމް ތައާރަފުކުރުމުގެ ހިޔާލު އޭނާގެ ބޮލުތެރޭގައި އެނބުރެމުންދިޔަ އެވެ. ނަމަވެސް އެކަމުގެ ހުރި އުނދަގޫތައް ވިސްނޭތީ ހުރީ ދެފިކުރެއްގަ އެވެ.
އާދައިގެ ފެށުން ކާމިޔާބު
އަމިއްލަގެ "މަންޒިލް" ގައި ޒަމާނީ ފެންވަރަށް އިމާރާތެއް ހަދައި، އެތަނުގައި ބޭކަރީއެއް މުހައްމަދު އަލީ (މަންޒިލް) ފެށީ ވަރަށް ފޮނި އުއްމީދާ އެކު އެވެ. އެއީ 1995 ވަނަ އަހަރު އެވެ. އޭރު އެތަން ހުޅުވިއިރު ފުވައްމުލަކުގައި އެގޮތަށް ހިންގާ ދެވަނަ ތަނެއް ނެތެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން ކޮންމެވެސް ވަރަކަށް އެ ވިޔަފާރި އެހެން ބަޔަކު ފެށި ނަމަވެސް، ވަކި ހިސާބަކުން ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެއީ ބޭކަރީ އައިޓަމްތަކަށް އޭރު މިރަށުގައި އެ ވަރަށް ޑިމާންޑް ނެތުމުންނެވެ. މުހައްމަދަށް ވެސް ވަކި ހިސާބަކުން މަޑުޖައްސާލަން ޖެހުނެވެ.
ނަމަވެސް ދުވަސްކޮޅަކަށް މެދުކެނޑުމަށްފަހު މުހައްމަދު އަލުން ފެށީ އާ ހިތްވަރާ އެކު އެވެ. އެ މަސައްކަތަށް އޭނާ ވަނީ 2010 ވަނަ އަހަރު އަނެއްކާވެސް ބޮޑެތި ބަދަލުތައް ގެނެސްފަ އެވެ.
"އެންމެ ފުރަތަމަ ވެސް ފެށީ ޗައިނާ އާއި ބެންކޮކަށް ގޮސް ޕާން ފިހާ އަވަނާއި ފުށް މޮޑޭ މެޝިނާއި ޕާން ކަފާ މެޝިން ފަދަ މެޝިނަރީތައް ހޯދައިގެން. ދުވަހަކު ވެސް އަތުން އެއްވެސް އެއްޗެއް މޮޑެ އެކަހަލަ އެއްވެސް ކަމެއް ނުކުރަން،" ފުވައްމުލަކުގައި މަޝްހޫރު "ޕަނީނޯ ބޭކާސް" ފެށިގެން އައި ގޮތް މުހައްމަދު "ހުރިހާ"އަށް ކިޔައިދިނެވެ.
މިހާރު އެތަނުގައި ބޭނުންކުރާ ގިނަ މެޝިނަރީތަކަކީ މުހައްމަދުގެ ހިޔާލާ އެއްގޮތަށް ކަސްޓަމައިޒްކޮށްގެން އުފައްދައިގެން ގެނެސް ހުރި ތަކެއްޗެވެ. މިއީ އެދުވަސްވަރު ގިނަ ބައެއްގެ ހިޔާލަށް ވެސް އައިކަމެއް ނޫނެވެ.
"މާލޭގައި ވެސް އޭރު މިތަނުގައި ބޭނުންކުރާ ކަހަލަ ގިނަ މެޝިނަރީތަކެއް ނުހުރޭ. އެކަމަކު އަމިއްލަ ހިޔާލު ދީގެން ގިނަ ތަކެތި އުފައްދާފައި ހުންނާނީ ވެސް،" ފުވައްމުލަކުގައި މަންޒިލުގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު ބުންޏެވެ.
ސްކޫލް ކުދިންގެ އިންޓަވަލަށް ގެނައި ބޮޑު ބަދަލު
ފުވައްމުލަކުގައި ސްކޫލް ކުދިންނަށް އިންޓަވަލަށް ހާއްސަކޮށްގެން އެކި ކަހަލަ ޕޭސްޓްރީ ތައާރަފު ކުރީ މުހައްމަދުގެ ބޭކަރީންނެވެ. އަދިވެސް މިރަށުގައި އެންމެ މަގުބޫލީ ޕަނީނޯ ބޭކަރީގެ އުފެއްދުންތަކެވެ.
"މިރަށުގެ ސްކޫލު ކުދިންނަށް އޭރު ދެމުން ގެންދިޔަ ގުޅަ، ބަޖިޔާ ހިމެނޭ އިންޓަވަލް ބަދަލުކޮށްލީ އަޅުގަނޑު. އެކަން ފެށީ ސްކޫލް ކުދިންނަށް ފަސޭހައިން ކާލެވޭ ފައިދާ ހުރި ކެއުމެއް ލިބޭނެ ގޮތެއްގެ މުހިންމުކަން ވިސްނިގެން،" އޭނާ ބުންޏެވެ.
އެ ބޭކަރީން މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީގެން އުފައްދަނީ ވެސް ސްކޫލް ކުދިންނަށް ހާއްސަ އިންޓަވަލް އައިޓަމްތަކެވެ. އެ ތަކެތި ތައްޔާރުކޮށްގެން ތާޒާކަމާއެކު ކޮންމެ ދުވަހަކު ހެނދުނު އިރުއެރުމުގެ ކުރިން ރަށުގެ އެކި ފިހާރަތަކަށް އެތައް އަހަރެއް ވަންދެން މުހައްމަދު އަމިއްލައަށް ގެންގޮސްދިނެވެ.
"ފަތިހު ހޭލައިގެން އެތަކެތި ތައްޔާރުކުރާ ގޮތް ބަލަން ހުންނަން. ރަހައަށް ސައިޒަކަށް ބަދަލެއް ނުގެންނަން، މެދުނުކެނޑި ކޮންމެ ދުވަހަކު މުޅި ރަަށަށް ޑިސްޓްރިބިއުޓްކުރަން،" މުހައްމަދު ބުންޏެވެ.
ރަށުން ބޭރުން މިހާރު ގެންނާކަށް ނުޖެހޭނެ
ސްކޫލް ކުދިންގެ އިންޓަވަލް އައިޓަމް އެކު "ޕަނީނޯ ބޭކަރީ" އިން މިހާރު ދުވާލަކު 26 އައިޓަމް އުފައްދަ އެވެ. އޭގެ ތެރޭގައި ޕާނާއި ބަނަސް، ފާރޮށި، ހޮޓް ޑޯގް ބަނަސް، ސަބްމެރިން ބަނަސް، ޕިއްޒާ ފުށްގަނޑު ފަދަ އެތައް އައިޓަމެއް ހިމެނެ އެވެ.
"މިހާރު ރަށުން ބޭރުން އެއްވެސް ކަހަލަ ބްރެޑެއް، ޕޭސްޓްރީ އައިޓަމެއް ގެންނަން ނުޖެހޭ ވަރަށް އަޅުގަނޑުމެން އުފައްދަން. ދުވާލަކު ފައްސަތޭކަ ސަބްމެރިން ބަނަހަށް އޯޑަރު ދިނަސް ތައްޔާރުކޮށްފައި ދޭނަން،" މުހައްމަދު ބުންޏެވެ.
އޭނާގެ އެންމެ ބޮޑު ބޭނުމަކަށްވީ މިރަށުގެ ޑިމާންޑަށް ބޭނުންވާ ވަރަށް އުފައްދައި ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެހެންވެ ރެއާއި ދުވާލު އެކަމުގައި މުހައްމަދު ވަގުތު ހޭދަކުރެ އެވެ.
"ކޮންމެ ދުވަހަކު އޮޕަރޭޝަން ފަށާއިރު ބޭކަރީގައި ހުންނަން. އަމިއްލަ އަށް ރަހަ ހެޔޮވަރު ކުރަނީ. އޭގެ ފަހުން އުފައްދައި ބޭރަށް ނެރެނީ،" ކުރިން ރިސޯޓުތަކުގައި ވަޒީފާ އަދާކޮށްފައިވާ މުހައްމަދުގެ ދުވަހުގެ ތާވަލު ހުންނަ ގޮތް ކިޔައިދެމުން ބުންޏެވެ.
ބޭކަރީގެ އޮޕަރޭޝަން ފަތިހު ފެށުމުން ދެން އަވަސްވެގަންނަނީ ހެނދުނު ސްކޫލަށް ކުދިން ދިއުމުގެ ކުރިން އެ ދުވަހުގެ އިންޓަވަލް ރަށުގެ އެކި ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތަށެވެ. އެ މަސައްކަތް ދާދިފަހަކާ ޖެހެންދެން ވެސް ކުރީ މުހައްމަދު އަމިއްލައަށެވެ. މިހާރު އެކަން ކުރާނެ ހާއްސަ މީހަކު ހުރި ނަމަވެސް ހުރިހާ ކަމެއް ހިނގާ ގޮތް އަބަދުވެސް މޮނިޓާކުރެ އެވެ.
މުހައްމަދުގެ ބޭކަރީ އޮޕަރޭޝަންގައި މިހާރު އަށް މީހުން މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް އެ މީހުންނަށް އެކަނި ދޫކޮށްލަން މުހައްމަދު ބޭނުމެއް ނުވެ އެވެ.
"އަހަރެންނަށް ރަށުން ބޭރަށް މިދެވެނީ ވެސް ވަރަށް މަދުން. ކޮންމެހެން ދާން ޖެހިގެން ރަށުން ބޭރަށް ދިޔަސް ދަނީ އަންހެނުންނާ ހަވާލުކޮށްފައި،" އޭނާގެ އަންހެނުން ހަދީޖާ އަބްދުﷲ އާއެކު ހުރެ ދިން އިންޓަވިއުގައި ބުންޏެވެ.
މުހައްމަދު ބުނީ އަމިއްލައަށް ކަންކަން ބަލަހައްޓައި ފަރުވާތެރިކަމާއެކު އެކު މަސައްކަތްކުރާތީ އެތަނުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
"މިހާރު ވެސް ފަސް ވަރަކަށް ބޭކަރީ އެބަ ހިންގާ. އެކަމަކު އަހަރެންގެ އުފެއްދުންތަކުގެ ޑިމާންޑްއަކަށް ބަދަލެއް ނާދޭ. މި ރޯދަ މަހު ވެސް ބައެއް ތަންތަނުން އިތުރަށް ބޭނުންވެގެން އޯޑަރު އައި،" އޭނާ ބުންޏެވެ. "ކައިރި އަތޮޅުތަކުން ވެސް އޯޑަރު އާދޭ. އެ ރަށްރަށަށް ވެސް ބައެއް ފަހަރު ފޮނުވަން. މިހާރު މާލެއަށް ވެސް ފާރޮށި ފޮނުވަން،"
މުހައްމަދު ބުނާ ގޮތުގައި އޭނާގެ އުފެއްދުންތަކަށް ޑިމާންޑް އޮންނަނީ އެއްވަރެއްގައި ކޮލިޓީ ހިފަހައްޓާތީ އެވެ.
މުޅި ރަށުގެ 25 ފިހާރައަކަށް އޭނާގެ އުފެއްދުންތައް ކޮންމެ ދުވަހަކު ޑެލިވަރީކޮށްދޭއިރު މިރަށުގެ ފަސް ތަނަކުން ސްކޫލް ކުދިން އިންޓަވަލް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވެ އެވެ.
ބޭކަރީގެ އިތުރަށް ވިޔަފާރި ފުޅާކޮށް ކޭޓަރިން އާއި ދެ ކެފޭއެއް
ބޭކަރީގެ އިތުރުން މުހައްމަދު އަންނީ މިހާރު މިރަށުގެ ދެ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ދެ ރެސްޓޯރަންޓް ވެސް ހިންގަމުންނެވެ. އޭގެ ތެރެއިން ފުނާޑު އަވަށުގައި ހުންނަ "ހައިވޭ ރެސްޓް" އަކީ އެއްފަހަރާ 100 މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ރެސްޓޯރަންޓެކެވެ. އޭގެ އިތުރުން އެމްޖޭއެސް ސްކޫލް ކައިރީގައި "ލޭޔާސް ބައި ޕަނީނޯ" އަކީ 80 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ.
"ބޭކަރީ ހިންގުމުގެ ތެރެއިން ހިޔާލު އައީ ކެފޭ ރެސްޓޯރަންޓެއް ހިންގަން. އެގޮތުން ފުރަތަމަ ތަން 2018 ވަނަ އަހަރު ފެށީ. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު ފެށުމެއް އެއީ،" މުހައްމަދު ބުންޏެވެ.
އޭގެ ފަހުން ދެވަނަ ތަނެއް ހުޅުވަން ނިންމީ ސްކޫލް ކުދިންނަށް އިންޓަވަލް ފަސޭހައިން ލިބޭ ގޮތަށް ސްކޫލެއް ކައިރީގަ އެވެ. އެހެންވެ ހުސް ބިމެއް ކުއްޔަށް ނަގައިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި "ލޭޔާސް ބައި ޕަނީނޯ" ގެ ޖާގަ ކުޑަވުމުން މިހާރު އެތަން ވަނީ އެތައް ގުނައެއް ބޮޑުކޮށްފަ އެވެ.
"މިއިން ކޮންމެ ތަނެއް ވެސް ފަށަނީ ސުމަކުން. އަމިއްލައަށް ޑިޒައިން ހަދަނީ ވެސް. މަސައްކަތް ކުރާއިރު ވެސް ކުރަންވާ ގޮތް ކިޔައިދެނީ އަހަރެން،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ރެސްޓޯރަންޓްގެ ހިދުމަތް ދޭއިރު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދެނީ ތަނުގެ ސާފު ތާހިރުކަމަށާއި ރަހަ އެއްވަރެއްގައި ހިފެހެއްޓުމަށެވެ. އަދި ތަނުގެ ރީތި ކަމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ކަސްޓަމަރުންނަށް ދޭން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަަށް މުހައްމަދު ބުންޏެވެ.
"ކޮންމެ ދުވަހަކު ވެސް ހުރިހާ ރެސްޓޯރަންޓެއްގެ ބަދިގެއިން ހުރިހާ ތަނެއް ބަލައި ޗެކްކޮށް ހަދަން. އެއްވެސް މައްސަލައެއް ފެނިއްޖެ ނަމަ ވަގުތުން އެކަމަކަށް ފިޔަވަޅު އަޅަން،" އޭނާ ހިންގާ ލޭޔާސް ބައި ޕަނީނޯގައި ހުރެ އިންޓަވިއު ދެމުން ބުންޏެވެ.
މުހައްމަދުގެ ކެފޭ، ރެސްޓޯރަންޓްގެ އިތުރުން މިހާރު ޕާޓީތަކަށާއި އެކިއެކި ހަފުލާތަކަށް ކޭޓަރިންގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ. މުޅި އޮޕަރޭޝަނުގައި 30 މުވައްޒަފުން ގެންގުޅޭތީ އެއްވެސް ކަމަކަށް ނޫނެކޭ އޭނާ ނުބުނެ އެވެ.
"ބޭކަރީ އާއި ދެ ރެސްޓޯރަންޓް ހިންގާއިރު ވަރަށް ބިޒީކޮށް އުޅެން މިޖެހެނީ. އެކަމަކު ކޭޓަރިން އޯޑަރެއް ލިބުނަސް އެއްވެސް ލަސްކުރުމެއް ނެތި އެ ވަގުތަކަށް އެކަން ވެސް ކޮށްދެން،" މުހައްމަދު ބުންޏެވެ.
އޭނާ ދެކޭ ގޮތުގައި ކެއިން ބުއިމާ ގުޅިފައިވާ އެ ވިޔަފާރި ފުޅާވެ، ކާމިޔާބުވުމުގެ އަސްލަކީ އަމިއްލައަށް ފަރުވާތެރިކަމާއެކު އެކު އެކަމުގެ ތެރޭގައި އަބަދުވެސް އަމިއްލަ ލޮލުން ބެލުމެވެ. އެހެންވެ ރެއާއި ދުވާލު ގިނަ ވަގުތު އޭނާ އުޅެނީ އެ މަސައްކަތުގަ އެވެ. މުވައްޒަފުންނަށް އިރުޝާދު ދީ، އޮޕަރޭޝަން އޮމާންކަމާ އެކު ގެންދެވޭނެ ގޮތްތައް އިންތިޒާމްކުރުމުގަ އެވެ. ކާމިޔާބު މަންޒިލަކާ ހަމަޔަށް މުހައްމަދު ގެނެސްދިން ރަހައިގެ ފޮނި މީރުކަމަކީ މިއީ އެވެ.