ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވަން އުޅުއްވި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވައިފި އެވެ.

އެ ޖަލްސާ ބާއްވަން ގިޔާސުއްދީން ސްކޫލް ދިން ހުއްދައެއްގެ ދަށުން މިރޭ އެ ސްކޫލްގައި ޖަލްސާ ބާއްވަން އެތަނަށް މެމްބަރުން ވަންނަނިކޮށް ފުލުހުން ވަނީ އެކަން ހުއްޓުވައި ޖަލްސާ ބޭއްވުމަށް ހުރަސް އަޅާފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން އެތަނަށް ދިޔައީ އެ ސްކޫލްގެ ސަލާމާތައި ރައްކާތެރިކަން ކަށަވަރުކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވަން ދީފައިވާ ހުއްދަ އެ ސްކޫލުން ބާތިލްކޮށްފައިވާ ކަމަށެވެ. އެ ސްކޫލުން އެ ހުއްދަ ބާތިލްކުރީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ އެންގުމަށް ކަމަށް ޕީއެންއެފް އިން ތުހުމަތު ކުރެ އެވެ.

ސަރުކާރުން ހުރަސްއެޅުމުން އެ ޖަލްސާ މިރޭ ބޭއްވީ ރާޅުގަނޑު ސަރަހައްދުގައި އަމިއްލައަށް ބައްތިތަކެއް ދިއްލައިގެންނެވެ. ސިޔާސީ ޕާޓީ އުފެއްދުމުމަށް ބާއްވާ ޖަލްސާގެ ކޯރަމަކީ 300 އެވެ. މިރޭގެ ޖަލްސާގައި 329 މެމްބަރުން ބައިވެރިވެފައިވެ އެވެ.

މިރޭގެ ޖަލްސާގައި ވަނީ ޕާޓީގެ ރައީސް ކަމަށް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އިންތިހާބު ކޮށްފަ އެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އިންތިހާބުކޮށްފައި ވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ޓްރެޝަރާއަކީ މުލީއާގޭގެ ކުރީގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދެވެ.

މިރޭ ވަނީ އެ ޕާޓީގެ ވަގުތީ ސެނެޓަށް ވެސް މެމްބަރުން އިންތިހާބުކޮށްފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ޔާމީންގެ އިތުރުން ޒެއިން ޔާމީނާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ހިމެނިވަޑައިގަންނަވަ އެވެ.

އެޕާޓީގެ ފުރިހަމަ ނަން ،ޕީޕަލްސް ނެޝަނަލް ފްރަންޓް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޕީއެންއެފް' ވެސް ފާސްކުރި އެވެ. އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންއެފްގެ ކުލަތަކުގެ ގޮތުގައި އެޕާޓީން މިރޭ ދެ ކުލައެއް ފާސްކުރި އެވެ. އެއީ މަޑު ފެހި ކުލައާއި ނޫ ކުލަ އެވެ. އެ ދެކުލަ ހިމެނޭ ލޯގޯގައި އޮތީ ތަރިއަކާއި ހުޅެވިހަނދެކެވެ.

ޕީއެންއެފްގެ އެޑްރެސްގެ ގޮތުގައި ފާސްކުރީ ހ. ހުރަފާ އެވެ. އެއީ ކުރިން ޕީޕީއެމްގެ އޮފީސް ހިންގި އިމާރާތެވެ.

ޕީއެންއެފްގެ މައިގަނދު މެނިފެސްޓޯ އަދި އަސާސީ ގަވައިދުވެސް ފާސްކުރީ ޖަލްސާގެ ހުރިހާ ބައިވެރިންގެ އިއްތިފާގުންނެވެ.

މިރޭ 10:00 އަށް ތާވަލުކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފެށޭ ގޮތްވީ, އެ ޖަލްސަ ބާއްވަން އޮތް މާލަމް ބަދަލުކޮށް, ރާޅުގަނޑު ސަރަހައްދަށް ހުރިހާ މެންބަރުން ގެންދިއުމަށްފަހު މިރޭ 00:20 ގަ އެވެ. އެހެންކަމުން ޕީއެންއެފް އުފައްދާ ޖަލްސާ ކުރިއަށް ގެންދިޔައީ ކުރުކޮށެވެ.

މިރޭގެ ޖަލްސާ ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ އެ ޕާޓީގެ މަސައްކަތަކަށް ވާނީ ރައީސް ޔާމީން އަނބުރާ ރާއްޖޭގެ ވެރިކަމަށް ގެނައުން ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވުމުގެ ހުއްދަ ޔާމީނަށް ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ނިންމާފަ އެވެ.