މާލެ ސަރަހައްދުގައި އިހުސާސް ކުރެވޭ ހޫނުމިން މިއަދު 48.4 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އިހުސާސް ކުރެވޭ ހޫނުމިން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހުރީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ކަމަށެވެ.

އެގޮތުން ހަނިމާދޫގައި އިހުސާސް ކުރެވޭ ހޫނުމިން 41.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ކައްދޫގައި ހުރީ 43.5 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓުން ބުނެ އެވެ. އަދި ކާޑެއްދޫގައި 42.6 ޑިގްރީ ސެލްސިއަސްގައި އިހުސާސް ކުރެވޭ ހޫނުމިން ހުރިއިރު، ގަމުގައި ހުރީ 41.2 ޑިގްރީ ސެލްސިއަސްގައި ކަމަށް އެ އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރުކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއީ ރާއްޖޭގައި އިހްސާސް ކުރެވޭ ހޫނު މިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްވަރު ވެސް މާލޭ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 45 ޑިގްރީގަ އެވެ.

މާޗް-އޭޕްރީލްއަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެ އެވެ. އޭގެ އިތުރުން މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އެބައޮތެވެ.