ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗް މިދިޔަ އަންގާރަ ދުވަހު އެނބުރި ގައުމަށް ފުރާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބާކީ ތިބި ހުރިހާ ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހު އެނބުރި އިންޑިއާއަށް ދާނެ ކަމަށެވެ.

އައްޑޫ ސިޓީގައި ތިބި އިންޑިއާ ސިފައިންގެ 26 މީހުން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް މިދިޔަ މާޗް މަހު އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބަދަލުގައި ހެލިކޮޕްޓަރު ދުއްވަން އެ ގައުމުގެ 26 ސިވިލިއަނުން ވަނީ ރާއްޖެ ގެނެސްފަ އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އައްޑޫ ސިޓީ ހިތަދު އާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު، އެ ބްރިޖްގެ މަސައްކަތް ނިމެން ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި އަހަރު 2024 ނިމުމުގެ ކުރިން އެ ބްރިޖު އަމަލީ ގޮތުން ފަށާނަން. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރު ނިމޭއިރަށް ބްރިޖު ނިންމަން. ބްރިޖު ނިންމަން ބޭނުން،" ރައީސް ވިދާޅުވި އެވެ.

އައްޑޫ ބްރިޖްގެ ސާވޭގެ މަސައްކަތްތައް މި މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލައިފަ އެވެ.