މާލޭ މީހުންނަށް ގޯތި ދޫކުރަން ހިއްކަން ފެށި ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިމިއްޖެ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ބިން ހިއްކާ ނިމުމާއެކު ބިން އެއްވަރުކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު އެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާ އެވެ. ގުޅިފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައި ވަނީ ވެސް އެކުންފުނިންނެވެ.

ކ. ގުޅިފަޅު ހިއްކުމުގެ މަސައްކަތުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅާފައި. ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މީގެ ކުރިން ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައި ވަނީ 150 ހެކްޓަރުގެ ބިމެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ ބިން އިތުރުކޮށްފަ އެވެ.

ގުޅިފަޅު ހިއްކަން ހަވާލުކުރީ 120 މިލިއަން ޑޮލަރަށެވެ. ގުޅިފަޅުން 2،218 ބިން ދޫކުރުމަށް ކުރީ ސަރުކާރުން ނިންމާފައިވެ އެވެ. ނަމަވެސް ގިރާވަރުފަޅުން 1،347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.