ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއް ރަހީމް 39 އަހަރު ހިދުމަތް ކުރެއްްވުމަށްފަހު ރޭ ރިޓަޔާކުރައްވައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާ ރިޓަޔާ ކުރެއްވީ އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާގޮތުގެ މަތިން ކަމަށެވެ.

ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔާކުރުމަށް ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަ ގާޑެއް އަރުވައިފަ އެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް މުހައްމަދު މުއިއްޒު ދެއްވާ ޚާއްސަ ސިޓީފުޅު އަދި، އިޚްލާސްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު އޭނާއާ ޙަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔާމަންޓްގެ ރަމްޒީ ކާޑު، އަބްދުއްރަހީމާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. އަބްދުއްރަހީމް ސިފައިންގެ ހިދުމަތާ ގުޅުނީ ފެބުރުވަރީ 18، 1985 ވަނަ ދުވަހު އެވެ.

އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވިއަސް، އެ މަގާމަށް ރަސްމީކޮށް އަދި ބޭފުޅަކު އައްޔަން ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި، މިއަދުގެ ވަގުތެއްގައި ސިފައިންގެ އަށް އާ ޗީފަކު ހަމަޖައްސަވާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވަނިކޮށް، ސިފައިންގެ ޗީފަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.