އިންޓަ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން މިދިޔަ ހޮނިހިރު ދުވަހު ސްނޯކްލިންއަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޓޫރިސްޓު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި މާމުނަގައު ރިސޯޓާ ގުޅިގެން އިއްޔެ އެކަނި ވެސް 54 އަކަ ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ. އަދި މީގެ އިތުރުން ޑައިވްކޮށްގެން ޖުމްލަ 138،000 އަކަ މީޓަރުގެ ސަރަހައްދެއް އެމްއެންޑީއެފާއި ރިސޯޓުގެ ޑައިވަރުންވަނީ ބަލާފަ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ މީހާގެ ހިލަމެއްވޭތޯ ކައިރި ފަޅުރަށްތައް ވެސް މިހާރު ވަނީ ބަލާފަ އެވެ.

އެންމެފަހުން ފެނުނުއިރު ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެއް ލައިގެންހުރި މީހާ ހޯދުމުގެ މަސައްތަކުގައި ކޯސްޓްގާޑު ކާމިޔާބު ލޯންޗާއި ހާބާ ކްރާފްޓް ލޯންޗު ވެސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓް ވެސް މި މަސައްކަތުގައި ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މީގެއިތުރުން މާމުނަގައު ރިސޯޓުގެ ލޯންޗާއި ދޯނިފަހަރު ވެސް ޓޫރިސްޓު ހޯދުމަށް ހަރަކާތްތެރިވާއިރު އަދި މިހާތަނަށް މިކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ވަނީ އެ މީހާގެ އެއްވެސް ހަބަރެއްވޭތޯ އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ބަލައިދިނުމަށް އެދިފަ އެވެ. އަދި ފަތުރުވެރިޔާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅާ ހިއްސާކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.