ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު ހިއްކަން ފުށިދިއްގަރުފަޅު ހިއްކަން ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިވެހީން އަޅުވެތިވާގޮތަށް ބިންތައް ނުއަގުގަ ވިއްކާލުމާ އެމަނިކުފާނު ދެކޮޅު ކަމަށެވެ.

"އަޅުގަނޑު އާއެކޭ ނުބުނާނަމޭ، މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ، އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގަ ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓު ބާތިލް ކުރާށޭ," ޔާމީން ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ހުޅުމާލެ އިން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭ ގޮތަށެވެ.

ބޮޑު ރަސްމިއްޔާތެއް ބާއްވައި އެ މަޝްރޫއުގެ މަސައްކަތް ފެށިޔަސް 10 ވަރަކަށް ހެކްޓަރު ހިއްކުމަށްފަހު މިހާރު ވަނީ މަސައްކަތް ހުއްޓިފަ އެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައީސް މުއިއްޒު ކުރާ ރަނގަޅު ކަންކަން ދަތިކުރަން ހުރި މީހެއް ނޫން ކަމަށާއި ގޯސްކޮށް ކުރާ ކަމެއް ރަނގަޅޭ ނުބުނާނެ ކަމަށެވެ.

ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭ ކަމުގައިވާނަމަ އެފަދަ މައްސަލަތައް ބެލުމަށް އެމަނިކުފާނު ގޮވާލައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.