މަސައްކަތް ނިންމުމުގައި އެކި މީހުން ތަފާތެވެ. އެއްބަޔަކީ ދުރާލާ ވަކި އިންތިޒާމެއްގެ މަތިން ކަންކަން ނިންމާ މީހުންނެވެ.

އަނެއް ބަޔަކީ ވަގުތު އޮވެމެ، އެހެން ނަމަވެސް "ފޫކޮޅުގައި ރޯވުމުން" ކަންކުރާ އުސޫލު ގެންގުޅޭ މީހުންނެވެ. މަސައްކަތް ނިންމުމުގައި ފުރަތަމަ އިސްކަން ދެވެނީ އެންމެ މުހިންމު މަސައްކަތް އެންމެ ކުރިން ނިންމުމަށެވެ. މިއީ ވަކި ނަސްލަކަށް، ކުލައަކަށް ގައުމަކަށް ނުވަތަ ކެރިފޯރުންތެރިކަން ހުރިވަރަކުންވާ ކަމެއް ނޫނެވެ.

މި އުސޫލުގެ މަތިން މަސައްކަތް ކުރާ މީހުން ހުރިހާ މުޖުތަމައެއްގައި ވެސް އުޅެ އެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ގިނަ މަސައްކަތް ކުރަންޖެހޭ ނަމަ އެންމެ ފަހުވަގުތާ ހަމައަށް ލަސްކުރުމަކީ ގިނަ މީހުންގެ އާދަ އެވެ. ސުންގަޑިއަށް މަސައްކަތް ނިންމުމަށް އާދަވެފައިވާ މީހުންނަށް މަސައްކަތް ކޮށްނިންމައި ލެވޭ ނަމަ އެކަން ފަހުން ތަކުރާރު ކުރެވެ އެވެ. އެފަދަ މީހުންނަށް ވިސްނިފައި ނުވާ ކަމަކީ އަމިއްލަ ހުނަރާ، ގާބިލްކަމާއި އިލްމުގެ ބޭނުންނުހިފި ނަމަކަށް ކަމެއްކޮށް ނިންމާ ލެވޭކަމެވެ. އަދި ފަހު ވަގުތަށް މަސައްކަތް ލަސްކުރުމަކީ ހާސްކަމާއި ހިތް ނުތަނަވަސް ކުރުވާ ކަމެކެވެ. މަސައްކަތް ނިންމަން ޖެހޭ ވަގުތު ކުޑަތަންވަމުން އަންނަވަރަކަށް ފިކުރު ބޮޑުވެ އެވެ. ރުޅިގަދަވެ އެވެ. ހަމަނިދި ނުލިބުމާއި، ބޮލުގައި ރިއްސުމާ، ކެއިން ބުއިމަށް ބަދަލުއައުމާއި، އާއިލާއާއި ގާތް އެކުވެރިންނާ ބާއްވާ ގުޅުމަށް ހީނަރުކަން އައިސް ވަގުތު ނުދެވި "ބިޒީ" މޯޑަށްލުމުގެ ސަބަބުން މައްސަލަ ޖެހެ އެވެ.

ހުރިހާ ޕްރެޝަރެއްގެ މަތީ ހުރެ މަސައްކަތް ނިންމި ނަމަވެސް މަސައްކަތުގެ ފެންވަރު ދަށްވެ އެވެ. ވީމާ ނަފްސާނީ ދުޅަހެޔޮކަން އިސްކޮށް ދުރާލާ މަސައްކަތް ނިންމުމަކީ މަސައްކަތުގެ ފެންވަރު ރަނަގަޅުވެ، މީހުންގެ ތައުރީފު ލިބޭ އަދި ކުރިއަށް ދިއުމުގެ މަގުތަށް ވެސް ކޮށިގެންދާ ސަބަބަކަށްވެ އެވެ.