ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ލިސްޓަށް ބަދަލު ގެނައީ ރައްޔިތުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ޕްލާސްޓިކްގެ ބާވަތްތައް މަނާކުރާ މުއްދަތުތަކަށް ގެންނެވި އިސްލާހުތަކާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

އާ އިސްލާހުތަކުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރުން ވަނީ 1 ޖޫން 2031 އާ ހަމައަށް ފަސްކޮށްފަ އެވެ. އަދި އެފަދަ ހޮޅި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން އެ އަހަރުގެ 19 ޑިސެމްބަރަށް ވަނީ ފަސްކޮށްފަ އެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ބަދަލު ގެނައީ ބާޒާރުގައި މިހާރު ހުރި ކަރުދާސް ހޮޅި ބޭނުންކުރުމުގައި ފޫދި، ފެނަށް ގިރޭތީ އާންމުންގެ ޝަކުވާ ބޮޑުވުމާއި، އެފަދަ ހޮޅިތަކުގެ އެތެރޭގައި ޕްލާސްޓިކް ފަށަލައާއި ތެރަސް ހުންނާތީ މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު ބޮޑުވުމުން، ފެންވަރު ރަނގަޅު ތިމާވެއްޓާ ރައްޓެހި ބަދަލެއް ތައާރަފުކުރުމަށް އިތުރު މުއްދަތު ދިނުމުގެ ގޮތުންނެވެ.

މީގެއިތުރުން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި 1 ޑިސެންބަރު 2029 އިން ފެށިގެން އެތެރެކުރުމާއި އުފެއްދުން މަނާކުރާއިރު، ބާޒާރަށް ނެރުން މަނާ ވާނީ 1 ޖޫން 2030 ގަ އެވެ. މި މުއްދަތުތައް ފަސްކުރަން ޖެހުނީ ބައެއް ރަށްރަށުގައި އަދިވެސް ނަރުދަމާއާއި ސާފު ބޯފެނުގެ ނިޒާމު އެކަށީގެންވާ ގޮތެއްގައި ގާއިމުވެފައި ނެތުމުން، ރައްޔިތުން ސާފު ބޯފެނަށް ބަންދުކުރި ފުޅިއަށް ބަރޯސާވާންޖެހޭތީ އެވެ. މިވަގުތު އެ ސައިޒުގެ ފުޅި މަނާކޮށްފިނަމަ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

އޭގެއިތުރުން ތައްޔާރީ ބުއިންތައް ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފުޅީގެ ތެރެއިން މަނާވާ ސައިޒު ވަނީ 250 މިލިލީޓަރަށްވުރެ ކުދި ފުޅިއަށް ބަދަލުކޮށްފަ އެވެ. ކުރިން 500 މިލިލީޓަރަށްވުރެ ކުދި ފުޅި މަނާކޮށްފައި އޮތުމުން، އެތުލީޓުންނާއި ކުޑަކުދިންނަށް ހާއްސަ ބުއިންތައް އެތެރެކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި މާލީ އަދި އޮޕަރޭޝަނަލް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ.

ރާއްޖެއަކީ އަމިއްލައަށް އެފަދަ ބުއިންތައް އުފައްދާ ގައުމަކަށް ނުވާތީ، ބޭރުގެ އުފެއްދުންތެރިން ރާއްޖޭގެ މާކެޓަށް އެކަނި ހާއްސަކޮށްގެން އުފެއްދުންތައް ބަދަލުނުކުރާނެތީ، މި ގެނެވުނު އިސްލާހާއެކު ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެންވާރަންމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.