ރަޝިޔާއާއި އެމެރިކާއަކީ ދުނިޔޭގެ ދެބިތުގައި އޮންނަ ދެ ގައުމު ކަމަށް ވެދާނެ އެވެ. އެމެރިކާއަކީ ނޯތު އެމެރިކާ ކޮންޓިނެންޓުގައި އޮންނަ ގައުމެކެވެ.
ރަޝިޔާ އަކީ ޔޫރަޕާއި އޭޝިޔާއަށް އެގައުމުގެ ސަރަހައްދު ދެމިފައިވާ ބިޔަ ގައުމެކެވެ. މި ދެގައުމުގެ ދުރުމިން ކައިރި ކޮށްދެނީ ކުރިން ރަޝިޔާގެ ބައެއްގެ ގޮތުގައި އޮތް އެލެސްކާ އެވެ.
އެލްސްކާ އަކީ މިހާރު އެމެރިކާގެ ބައެކެވެ. އެމެރިކާ އަށް އެލެސްކާ ވިއަކާލީ 1867 ވަނަ އަހަރު 2.7 މިލިއަން ޑޮލަރަށެވެ. މިއީ ދިވެހި ރާއްޖޭގެ ބިމުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް ހުޅުމާލެއިން ކުޑަ ގޯއްޗެއްގެ އަގެވެ.
ރަޝިޔާ އަކީ ބިމުގެ ގޮތުން އާދަޔާ ޚިލާފު ބޮޑު ގައުމުކަށްވެފައި އެލަސްކާ ފަދަ ދުރުގައި އޮތް ތަނެއްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ރަޝިޔާ އަށް އެދުވަސްވަރު އޮތީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެލަސްކާ އާއި ދާދި ކައިރީގައި ކެނެޑާގައި ގާއިމްވެ ތިބި އިނގިރޭސި ސިފައިން އެ ބިން ހިފައިފާނެ ކަމުގެ ބިރު އަބަދުވެސް އޮވެ އެވެ. އެހެންކަމުން އެއްވެސް އަގެއް ނުލިބި އެލަސްކާ އަތުން ބީވެގެން ދިއުމުގެ ބަދަލުގައި އެވަގުތު އެގައުމަށް ބޭނުންޖެހިފައި އޮތް ފައިސާ ލިބޭ ގޮތަށް އެލަސްކާގެ ބޮޑު ބައްރު އެމެރިކާ އަށް ވިއްކާލުމަށް އޭރުގެ ރަޝިޔާގެ ވެރިން ނިންމީ އެވެ. އެއީ ރަޝިޔާއިން ކުރި މަޝްހޫރު ކްރަމިއާ ހަނގުރާމައަށްފަހު އެ ގައުމުގެ އިގުތިސާދަށް ފައިސާގެ މުހިންމުކަން ނުހަނު ބޭނުންވެފައި އޮތް ދަނޑިވަޅެކެވެ.
މިއަދުގެ ހާލަތަށް ބަލާއިރު އެލެސްކާ އަކީ އެމެރިކާގެ މައި ބައްރާ ވަކިން އޮތް، އެހެނަސް އެގައުމުގެ އެންމެ ބޮޑު ސްޓޭޓެވެ. އެލަސްކާ ބިމުގެ ގޮތުން ވަނީ ކެނެޑާގެ ޕްރޮވިންސެއް ކަމުގައިވާ ބްރިޓިޝް ކެނެޑާ އާ ގުޅިފަ އެވެ. އުފެދިފައި އޮތް ތަނުގެ ގޮތުންނާއި އެ ބިމުގައި ހިމެނޭ ގުދުރަތީ މުއްސަނދި ވަސީލަތްތަކުގެ ސަބަބުން އެލެސްކާވެފައި ވަނީ އެމެރިކާ އަށް ވަރަށް މުހިންމު ސްޓޭޓަކަށެވެ.
އެލަސްކާ އަކީ ތެލާއި ގޭހާއި މަސްމަހާމެހީގެ ބޮޑު ޚަޒާނާއެކެވެ. އެމެރިކާގެ އިގުތިސާދަށް މި ތަކެތިން ލިބޭ މަންފާގެ އިތުރުން ދިފާއީ ގޮތުން އެލަސްކާ ބެލެވިފައި ވަނީ ވަރަށް މުހިންމު ތަނަކަށެވެ.
ޔުކްރޭން ހަނގުރާމައާއި، އިޒުރޭލާއި އީރާނުގެ މެދުގައި ފެށިދާނެ ހަނގުރާމައެއްގެ ސަބަބުން ދުނިޔޭގައި ހިނގައިފާނެ ކަމުގައި ލަފާކުރެވޭ ބޮޑު ހަނގުރާމައެއް ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިޔާގެ ކުރިމަތިލުމަކަށް ކަމަށް ބެލެވެ އެވެ. އެހެންކަމުން އެފަދަ ކުރިމަތި ލުމެއްގައި ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެލަސްކާ ވެގެންދާނީ ވަރަށް މުހިންމު ތަނަކަށެވެ. މީގެ އިތުރުން ދުނިޔޭގެ ގަނޑުފެންތައް ހިކެމުން ދާއިރު ރަޝިޔާއާއި ޗައިނާއާއި އެމެރިކާގެ މެދުގައި ވިޔަފާރީގެ އާ މަގެއް ހުޅުވައި ދިނުމުގައި ވެސް މުސަތްގުބަލުގައި އެލަސްކާ މުހިންމު ރޯލެއް ކުޅެފާނެ ކަމުގައި ބެލެވެ އެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ އަދި ވާދަވެރި ދެގައުމު ކަމަށްވާ އެމެރިކާ އާއި ރަޝިޔާ ދުނިޔޭގެ ދެބައްރުގައި އޮތް ކަމުގައި ވިޔަސް އެދެ ގައުމުގެ ދުރުމިން ކައިރިކޮށްދޭ އެލަސްކާ ގެ ސަބަބުން ހަގީގަތުގައި އެއްގައުމުން އަނެއް ގައުމަށް ފައިމަގުގައި ހިނގާފައި ދިއުމުމުގެ ފުރުސަތު އޮވެ އެވެ.
ރަޝިއާ އޮންނަނީ އެލެސްކާގެ މައި ބައްރާ ގާތްގަނޑަކަށް 55 މޭލު ދުރުގަ އެވެ. އެ ދެމެދުގައި އޮންނަނީ ބެރިނގް ސްޓްރެއިޓްގެ ނަމުން ނަންދެވިފައިވާ ކަނޑުއޮޅިއެކެވެ. އެ ކަނޑު އޮޅީގައި ރަޝިޔާ އާއި އެމެރިކާގެ މެދުގައި ތަންކޮޅެއް ކުޑަ ރަށަކާ ބޮޑު ރަށެއް އޮވެ އެވެ.
އެ ދެރަށަށް ކިޔަނީ ބިގް ޑައިމަންޑާއި ލިޓްލް ޑައިމަންޑެވެ. ބިގް ޑައިމަންޑް ނުވަތަ ބޮޑު ރަށް ރަޝިޔާއަށް މިލްކުވެގެންވާއިރު ލިޓްލް ޑައިމަންޑް، ކުޑަ ރަށް މިލްކު ވެގެން ވަނީ އެމެރިކާއަށެވެ. މި ދެމެދުގައި އޮންނަނީ އެންމެ 2.5 މޭލުގެ ރާސްތާ އެކެވެ. ފިނި މޫސުމުގެ ފިނި ދުވަސްވަރު މިހިސާބުގެ ކަނޑުއެއްކޮށް ގަނޑުވުމުގެ ސަބަބު އެއްރަށުން އަނެއް ރަށަށް ފައިމަގުގައި ދެވޭނެ އެވެ. ދުރުމިނަށް ބަލާއިރު އެއީ އާދައިގެ ހިނގުމުގައި އެއްގަޑިއިރަށް ވުރެ ވެސް އަވަހަށް ކަޑައްތު ކުރޭފަދަ ރާސްތާއެކެވެ. އެހެންކަމުން ބާރަށް ދުވާ މީހަކަށް މަދު މިނިޓު ކޮޅެއްގެ ތެރޭގައި އެމެރިކާއިން ރަޝިޔާއަށް ދުވެލާފައި ދެވިދާނެ އެވެ.